241 ކޮމިޓީގެ މުޤައްރިރު މުހައްމަދު އަސްލަމް
241 ކޮމިޓީގެ މުޤައްރިރު މުހައްމަދު އަސްލަމް
ލ. ކަލައިދޫން ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކަށް ފުލުހުން އަނިޔާކުރިކަމަށް ބުނާ މައްސަލައިގައި ޖިނާއީ ދައުވާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

މިމައްސަލައަކީ މިދިޔަ އަހަރުގެ 6 ސެޕްޓެމްބަރުގައި ލ. ކަލައިދޫ މޫނިމާގެއިން ވައްކަން ކުރި ކަމުގެ ތުހުމަތުގައި އެ ރަށު ސުވީޓްހާޓްގޭ އަހުމަދު ސިރާޖު ހައްޔަރު ކުރުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން އޭނާއަށް އެކި ވަރުގެ އަނިޔާކުރިކަމަށް ބުނެ އޭނާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ.

މިމައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައި ވަނީ އެ މައްސަލާގައި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުން ލ. އަތޮޅަށް ޓީމެއް ފޮނުވައިގެން ތަހުގީގުކުރި ކަމަށެވެ. ކޮމިޓީ ރިޕޯޓުގައި އަނިޔާ ލިބުނު ސިރާޖު އިސްދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ކޮޓަރިއަކަށް ވެއްދުމަށްފަހު އަނިޔާކޮށްފައިވާ ކަމަށާއި އެއީ އޭނާ ގޭގައި އުޅެނިކޮށް ލިބުނު އަނިޔާތަކެއް ކަމަށް އެއްބަސް ނުވަނީސް ދޫކޮށްނުލާނެކަމަށް ފުލުހުން ބުނި ކަމަށް އޭނާގެ ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ.

އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ ފުލުހުން އެކަމަށް އިންކާރުކުރިނަމަވެސް އެމީހާއަށް ލިބިފައިވާ އަނިޔާތަކަކީ އިސްދޫ ޕޮލިސް ސްޓޭޝަނަށް އޭނާ ގެންދިޔުމަށް ފަހު ލިބުނު އަނިޔާތަކެއްކަން އެނގޭކަމަށް ރިޕޯޓުގައިވެއެވެ.

އަނިޔާކުރި ކަމަށް ބުނާ މައްސަލާގައި ތުހުމަތު ކުރެވޭ 3 ފުލުހަކަށް 8 މަސް ވަންދެން ކައިރިން ސުޕަވައިޒް ކުރުމަށް ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ނިންމާފައިވާއިރު ދެ ފުލުހެއްގެ ގާބިލްކަން އިތުރުވާ ފަދަ ހާއްސަ ކައުންސިލިން ދިނުމަށް އެ މުއައްސަސާއިން ނިންމާފައިކަންވެސް ވަނީ ހާމަކޮށްފައެވެ.

ނަމަވެސް މިފަދަ ކަމެއްކުރުމުން އިދާރީ ފިޔަވަޅެއް އަޅައި އެފަދަ މައްސަލައެއް ނިންމާލުމަކީ ރަނގަޅު ގޮތެއް ނޫންކަމަށާއި އަނިޔާކުރި ފުލުހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި އެ ފަރާތްތަކަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ އެދިފައެވެ.

ފުލުހުންގެ ބަންދުގައި ތިބޭ މީހުންނަށް އަނިޔާކުރުމަކީ އާއްމުކަމަކަށްވިޔަސް، މިހާތަނަށް މިކަންކަމަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅޭކަމަށާއި، އަދި އެފަދަ ކަންކަންކުރާ ފަރާތްތަކަށް ހައްގު އަދަބުވެސް ނުދެވޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު