އދގެ 76 ވަނަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތާއި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ހަވާލުވެ ވަޑައިގެންނެވުމާއިގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ޝާހިދަށް މަރުހަބާ ވިދާޅުވެ އެމަނިކުފާނުގެ މަސައްކަތްޕުޅަށް ތަޢުރީފު ކުރަށްވައިފިއެވެ.

އދގެ 76 ހަވަނަ އާންމު މަޖިލީހުގެ ރިޔާސަތާއި އަބްދުﷲ ޝާހިދު ހަވާލުވެވަޑައިގެން މަގާމުގެ ހުވާކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ ރައީސް ޞާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބަލައިގަންނަކަން ހާމަވެގެންދިޔަ އަދި ލިބުނު ފަޚުރުވެރި ތާރީޚީ ކުރިއެރުމެއް ކަމަށެވެ.

އދގެ 76 ހަވަނަ އާންމު މަޖިލީހުގެ ފަޚުރުވެރި ރިޔާސަތާއި ރޭގައި ހަވާލުވެވަޑައިގެންނެވުމަށްފަހު ޝާހިދުވެސް ވަނީ ރައީސްގެ ޚާރިޖީ ސިޔާސަތަށް ތަޢުރީފު ކުރަށްވައި އެމަނިކުފަނަށް އެދާއިރާއިން ޚިދުމަތް ކުރަން ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް ޞާލިޙަށް ޝުކުރު އަދާކުރަށްވާފައެވެ. މަގާމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު ރާއްޖޭގެ ޚާރިޖީ ވަޒީރު ވިދާޅުވީ އދގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއަށް ލިބުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޚާރިޖީ ސިޔާސަތު ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަތް ކަމުގެ އަލިގަދަ ދަލީލެއް ކަމަށެވެ.



މަގާމާއި ހަވާލުވެވަޑައިގެން ޝާހިދު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ ދައުރުގައި ކަންކަން ކުރިއަށް ގެންދަވާނެ ގޮތާއި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރުމާއި ދުނިޔޭގެ މުޅި އާބާދީއަށް ވެކްސިން ދީ ނިންމުމާއި އަދި އިޤްތިޞާދީ ގޮތުން ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރުމާބެހޭގޮތުން އަލިއަޅުއްވާލެއްވިއެވެ. މީގެއިތުރުން ޚާރިޖީ ވަޒީރު ޝާހިދުގެ ރިޔާސަތުގައި މިންތީގެ ތަފާތުކަން ނައްތާލުމަށް މަސައްކަތް ކުރަށްވައި ހަމަހަމަކަން ދެމެހެއްޓުމަށް މަސައްކަތް ކުރަށްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން