ބަންޑާރަ ބިންތަކާ ގުޅޭ މައްސަލަތަކުގައި ޤާނޫނީ ލަފާދިނުމާއި ޝަރީޢަތުގައި ތަމްސީލުކުރުމަކީ އެޓާރނީ ޖެނަރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ދިވެހިރާއްޖޭގެ ހައި ކޯޓުން ކަނޑައަޅުއްވާފައިވާ ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން މިމައްސަލަ އިސްތިއުނާފުކުރީ އދ. ފެންފުށީން ބަންޑާރަ ބިމަކާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާއަކާ ގުޅޭ މައްސަލައެއްގައި ހައިކޯޓުން ކުރި ޙުކުމާއި ގުޅިގެންނެވެ.

މި މައްސަލަ އިސްތިއުނާފުކުރީ ލޯކަލް ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ޤާނޫނީ ޝަޚްޞަކަށްވާތީކަމަށް އޭޖީ އޮފީހުން ބުނެފައި ވެއެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ކައުންސިލްތަކުގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކަކީ އެ ކައުންސިލްގެ މިލްކުގެ ތެރޭގައި ހިމެނޭތަންތަން ކަން އެނގެން އޮތުމަކީވެސް މިމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ސަބަބެއްކަމަށް އޭޖީ އޮފީހުން ބުނެއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ރަށްރަށުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ވެސް ދައުލަތް ތަމްސީލު ކުރަން ޖެހޭނީ ލޯކަލް ކައުންސިލްތަކުގެ ބަދަލުގައި ބަންޑާރަ ނައިބުގެ އޮފީހުން ކަމަށް ހައިކޯޓުން ކަނޑައެޅި އެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިފައެވެ.

ފެންފުށީން ބަންޑާރަ ބިމަކާ ގުޅޭ ގޮތުން ކުރިއަށްގެންދިޔަ މިމައްސަލައިގެ ޝަރީއަތުގައި ހައިކޯޓުން ނިންމި ގޮތާމެދު ޚިޔާލު ތަފާތުވުންތަކެއް އޮތްކަން އޭޖީ އޮފީހުން ހާމަކޮށްފައިވާއިރު، މިމައްސަލާގައި އިއްވި ޙުކުމުގައި ދަޢުލަތް ތަމްސީލުކުރާމެދު ހައިކޯޓުން ނިންމީ ގާނޫނުއަސާސީ ބަޔާންކުރާ ރާއްޖޭގެ ސަރަަހައްދުގެ ތެރޭ ހިމެނޭ ބިން މިލްކުވަނީ ދިވެހި ދަޢުލަތަށް ކަމަށެވެ. އެހެންކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ނޫނީ ބަންޑާރަ ބިންތަކުގެ މައްސަލައެއްގައި ކައުންސިލްތަކަށް ދަޢުލަތް ތަމްސީލު ނުކުރެވޭނެކަމަށް ހައިކޯޓުގެ ހުކުމްގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން