މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލާ، ބްރިޖަކީ 380 މިލިއަން ޑޮލަރަށް ރައީސް ޔާމިންގެ ސަރުކާރުގައި އަޅަން ނިއްމި ބްރިޖެއް ކަމަށް ކުރީގެ އިކޮންމިކް މިނިސްޓަރު މުހަންމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ޕީއެންސީގެ ނާއިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު ވިދާޅުވީ، މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލާ، ބްރިޖަކީ 380 މިލިއަން ޑޮލަރަށް ކުރީގެ ސަރުކާރުން އަޅަން ނިއްމި ބްރިޖެއް ކަމަށެވެ. އަދި އެ ޕްރޮޖެކްޓަށް ފައިސާ ހޯދާނެ ގޮތް ރާވައި ނިމިފައިވާ ކަމަށާއި، އެހެން ނަމަވެސް މި ސަރުކާރުން ތިލަމާލެ ބްރިޖް އަޅަނީ 200 އެތަށް މިލިއަން އަގު ބޮޑުކޮށް ކަމަށް ސައީދު ވިދާޅުވިއެވެެ.

"އަޅުގަނޑުމެން 380 މިލިއަން ރުފިޔާއަށް އަޅަން ރާވައި ކުރަހައި ނިންމައި ހުރިހާ ފަންނީ ހޯދުންތަކެއް ހޯދާފައި އޮތް ބްރިޖެކޭ 500 މިލިއަން އެމެރިކާ ޑޮލަރަށް އަޅަން އެ އުޅެނީ، 200 އެތަށް މިލިއަން އަގުބޮޑުކޮށް، މިއީ ޕްރޮޖެކްޓްތަކުގެ އަގު ބޮޑުވެގެން އައި ސަރުކާރު އެގޭތޯ." ސައީދު ވިދާޅުވިއެވެ.

މާލެއާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލާ، ބްރިޖު އަޅަން އިންޑިއާގެ އެފްކޮންސް އިންފްރާސްޓަރަކްޗާ ލިމިޓެޑާއިއެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. އެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބްރިޖަކާއި ކޯސްވޭ ލިންކެއް އެޅުމަށް ވަނީ ނިއްމާފައެެވެ. އެގޮތުން ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. ހަމައެއާއެކު ފަޅުތަކުގައި 1.45 ކިލޯމީޓަރުގެ މެރިން ވަޔަޑަކްޓާއި މޫދާއި ގޮނޑުދޮށުގައި 2.32 ކިލޯމީޓަރުގެ މެރިން ވަޔަޑަކްޓުގެ އިތުރުން ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ތަރައްގީކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެެ.

އެ މަޝްރޫއުގެ ދަށުން މާލެ އަދި ވިލިނގިލި ގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރުމަށް ހަމަޖެހިފައިވާއިރު ގުޅިފަޅާއި ތިލަފުށީގައި ރައުންޑްއެބައުޓް ތަކެއް ގާއިމް ކުރަން ވަނީ ނިއްމާފައެވެ. އޭގެ އިތުރުން ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން