ފިޔަވަތި ސަރަހައްދަށް ރޭ މީހުން ޖަމާވެފައި: އެސަރަހައްދަށް މީހުން ނުދިޔުމަށް ވަނީ އެދިފައި
ފިޔަވަތި ސަރަހައްދަށް ރޭ މީހުން ޖަމާވެފައި: އެސަރަހައްދަށް މީހުން ނުދިޔުމަށް ވަނީ އެދިފައި
ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތި" ގައި އުޅޭ ބައެއް ކުދިން، އެ ތަނުގެ ފުރާޅުމައްޗަށް އަރައި އުޅޭއިރު، އެ ކުދިންގެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމާއި ކުދިން އުޅޭ ގޮތް ބަލަން ތިބުމަކީ އެ ކުދިން އިތުރަށް އެކަން ކުރުމަށް މަގުފަހިވާނެ ފަދަ ކަމެއް ކަމަށް ބުނެ އެކަން އެގޮތަށް ނުކުރުމަށް ޖެންޑާ މިނިސްޓްރީން އެދިއްޖެއެެވެ.

ޖެންޑަރ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފިޔަވަތި މަރުކަޒުގެ ބައެއް ކުދިންގެ ފަރާތުން "ފެންނަ ކަންތައްތަކާ ގުޅިގެން" އެ މިނިސްޓްރީއާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ޓީމަކުން މަސައްކަތް ފަށާފައިވާ ކަމަށެވެ. މިހާރު ވެސް އެ ދެ އިދާރާގެ މުވައްޒަފުންގެ ޓީމެއް "ފިޔަވަތި" ގެ ކުދިންނާއި މުވައްޒަަފުންނާއެކު ހަރަކާތްތެރިވާ ކަމަށް ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ އެ ހާދިސާގައި ހިމެނޭ ކުދިންގެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމާއި މީހުން އެއްވެ ކުދިން ކުރާ ކަންކަން ބަލަން ތިބުމަކީ ކުދިން އިތުރަށް އެކަންކުރާ ހިތްވެ އިތުރަށް ކަންކަން ގޯސްވާނެ ކަމެއް ކަމަށެވެ.



"އެހެންކަމުން، ހުރިހާ ފަރާތްތަކުން ވެސް ކެތްތެރިކަން އިސްކުރައްވައި ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް، މި ސާވިސުން ކުރަންޖެހޭ ކަންކަން ކުރުމުގައި އެންމެހައި ފަރުދުންގެ އެއްބާރުލުން ދިނުމަކީ މި ސާވިސްގެ އެދުމެކެވެ." ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެެ.

ޖެންޑަރ މިނިސްޓްރީން ނެރުނު ބަޔާނުގައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގާނޫނުން ކުދިންނަށް ލިބޭ ހައްގުތައް ކަށަވަރުކޮށް، އެ ކުދިންގެ ކަރާމާތައް ގެއްލުން ނުވާނެ ގޮތަކަށް ކަންކަން ބެހެއްޓުމަށް އެދިފައި ވެއެވެ.

ފިޔަވަތީގައި މައްސަލަ ބޮޑުވާން ދިމާވި ސަބަބެއް ޖެންޑާ މިނިސްޓްރީގެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު އިއްޔެ އިރުއޮއްސުނީއްސުރެ މައްސަލަގަނޑު ބޮޑުވެ ބައެއް ކުދިން ފުރާޅުމައްޗަށް އަރައި ދޮރުތައް ހަލާކުކޮށް ހަދާފައިވާއިރު ރޭ ވަނީ އެތަނުގައި އަލިފާން ވެސް ރޯކޮށްލާފައެވެ. ފިޔަވަތީ ގައި ރޭ ރޯކުރި އަލިފާންގަނޑު ނުފެތުރެނީސް، އެތަނުގެ މުވައްޒަފުން ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައެވެ. މިހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާ އެއް ލިބިފައެއް ނުވެއެވެ.

ހުޅުމާލޭގައި ހުންނަ ފިޔަވައްޗަކީ ކުދިން ބަލައި އަޅާނެ ބެލެވެރިން ނުވަތަ މައިންބަފައިން ނެތް ކުދިންގެ ތެރެއިން ދައުލަތުން ބަލަހައްޓާ އެކި އުމުރުފުރައިގެ ކުދިން ބައިތިއްބައިގެން ބަލަހައްޓާ މަރުކަޒެކެވެ. އެފަދަ މަރުކަޒު ތަކަކީ އެކި މިޒާޖުގެ އެކި ހާލަތްތައް ދިމާވެފައިވާ ކުދިން ތިބޭ ތަނަކަށްވާއިރު އެތަނުގައި ތިބޭ އެކި މިޒާޖުގެ ކުދިން ތަރުބިއްޔަތުކޮށް މުޖުތަމަޣަށް ބޭނުންތެރި ކުދިންތަކެއްގެ ގޮތުގައި ނެރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން ކުރަމުން ގެންދާ މަސައްކަތް ތަކުގައި އެކުދިންގެ ފަރާތުން މިފަދަ ނޭއްގާނި އަމަލުތައް ފެނުމަކީ ނުވެ ނުދާނެ ކަމެއްކަމުގައި ތަޖުރިބަކާރުންވެސް ވިދާޅުވެއެވެ.

ނަމަވެސް މިފަހަކަށް އައިސް އެފަދަ ކަންކަމުގެ ތެރެއަށް އާންމު ބައެއް ފަރުދުން ވަދެ، އެކަންކަމުގައި ސިޔާސީ ކުލަޖައްސައި، މައްސަލަ ބޮޑުކޮށް، ވަކި ބަޔަކަށް އިނގިލި ދިއްކުރުމަކީ މާމޮޅު ކަމަކަށް ހަދައިގެން މީސްމިޑިއާއާއި މީޑިއާތައް ބޭނުން ކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން