އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ރަނގަޅަށް ނުހިނގަނީ އެތަނުގެ ބޯޑުގެ ނާގާބިލުކަމުންކަމަށް އައްޑޫއަށް އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) ވިދާޅުވެއްޖެއެވެ.

މަތީތަޢުލީމުގެ ދާއިރާގެ ޚިދުމަތުގައި ހަރަކާތްތެރިވާ އައްޑޫއަށް ނިސްބަތްވާ ސައިރިކްސް ޝަރީފް މިހެން ވިދާޅުވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ރަނގަޅަށް ނުހިނގާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވުމާއި ގުޅިގެނެވެ.

މިކަމާއި ގުޅިގެން ޝަރީފް ވިދާޅުވީ އައްޑޫ ހޮސްޕިޓަލް ރަނގަޅަށް ނުހިނގަނީ އެތަނަށް އައްޔަން ކޮށްފައި އޮންނަ ބޯޑެއްގެ ނާގާބިލުކަމުންކަމަށެވެ. އަދި އެތަނުގެ ބައެއް ކޮންޓްރޯލްތައް މާލޭގެ އޮފީސްތަކުގެ ތެރޭގައި އޮންނާތީ، އަދިވެސް ހޮސްޕިޓަލަށް ގެންދެވުނު ކެތުލެބް ހުރީ ޕެކިންގައި، ބަހައްޓާނެ ތަނެއް ނެތިފައިކަމަށް ޝަރީފް ވިދާޅުވިއެވެ.

"އައްޑޫ ހޮސްޕިޓަލް ރަނގަޅަށް ނުހިނގަނީ އެތަނަށް އައްޔަން ކޮށްފައި އޮންނަ ބޯޑެއްގެ ނާގާބިލުކަމުން، އަދި އެތަނުގެ ބައެއް ކޮންޓްރޯލްތަށް މާލޭގެ އޮފީސްތަކުގެ ތެރޭގައި އޮންނާތީ، އަދިވެސް ހޮސްޕިޓަލަށް ގެންދެވުނު ކެތުލެބް ހުރީ ޕެކިންގައި ބަހައްޓާނެ ތަނެއްނެތިފައި." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އައްޑޫ ހޮސްޕިޓަލް ހަދާފައި އިކުއިޕްމަންޓު ބަހައްޓާފައި ހުޅުވިއިރު އިކުއިޕްމެންޓު ބޭނުންކުރާނެ ބަޔަކު ނުވަތަ ޑޮކްޓަރުން ނެތްކަމަށެވެ. އަދި ކަސްޓަމާ ސާވިސްގައި މަސައްކަތް ކުރާ މީހުންނަށް ތަމްރީނެއް ނުހިންގޭކަމަށާއި ބަލިމީހުންނަށް އެޕޮއިންޓުމަންޓެއް ނުލިބޭކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ޝަރާފު ވަނީ މިކަމާއި ޒިންމާ ނަގާނީ ކޮންބައެއްތޯއޭ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

"ހޮސްޕިޓަލް ހަދާފައި އިކުއިޕްމަންޓު ބަހައްޓާފައި ހުޅުވިއިރު އިކުއިޕްމެންޓު ބޭނުންކުރާނެ ބަޔަކުނެތް، ޑޮކްޓަރުންނެއް ނެތް، ކޯޑިނޭޝަނެއްނެތް، ކަސްޓަމާ ސާވިސްގައި މަސައްކަތް ކުރާމީހުންނަށް ތަމްރީނެއް ނުހިންގޭ، ބަލިމީހުންނަށް އެޕޮއިންޓުމަންޓެއް ނުލިބޭ ކޮންބައެއް ޒިންމާނަގަނީ؟" ޝަރީފް ވިދާޅުވިއެވެ.

އައްޑޫ ހޮސްޕިޓަލާއި ގުޅޭގޮތުން އައްޑޫ ސިޓީގެ މޭޔަރ ނިޒާރު ވިދާޅުވީ ހޮސްޕިޓަލަށް ކިތަންމެ ބޮޑު ބަޖެޓެއް ދިނަސް އަދި ހޮސްޕިޓަލުގެ ބޯޑު ކިތަންމެ ބޮޑު ނަމަވެސް އެތަނެއްގައި ތިބި ބަޔަކަށް މަސައްކަތް ނުކުރެވޭނަމަ ކަންކަން ރަނގަޅު ނުކުރެވޭނެ ކަމަށެވެ. އަދި ހޮސްޕިޓަލުގެ ބޯޑާއި މެނޭޖްމެންޓަށް ކަންކަން ނުކުރެވޭނަމަ އެ ވާހަކަ ދައްކަންޖެހޭނެ ކަމަށާއި އެގޮތުން ހޮސްޕިޓަލުގެ ބޯޑާއި މެނޭޖްމެންޓް ރަނގަޅަށް ފަންކްޝަން ނުކުރާކަމަށް ނިޒާރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު