ބަރުލަމާނީ ލޯގޯ ޖަހައިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު އުޅުއްވަނީ ޕާޓީ ފުޑާލަން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ތުހުމަތު ކުރައްވައިފިއެެވެ.

އެމްޑީޕީ އުފެއްދުމުގެ މަސައްކަތުގައިވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މޫސާ މަނިކު މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ގައުމީ މަޖިލީހުގެ މާލެ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާ މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ކެމްޕޭން ޖަލްސާގައި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ބައިވެރިކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިސްތިއުފާއަށް ގޮވާލައި އެމަނިކުފާނަށް ފާޑުވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުންނެެވެ.

އެކަމަށް އިޝާރަތް ކުރައްވަމުން މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ކަން ކުރެއްވި މޫސާ މަނިކު ވިދާޅުވީ، އެމްޑީޕީގެ ހަރުގޭގެ ޖަލްސާގައި ރައީސް ސާލިޙަށް އެއްޗެހި ގޮވައިދޭނެ މެމްބަރަކު ނުވެގެން އެހެން ޕާޓީއެއްގެ މީހަކު ގެނެސްގެން އެމަނިކުފާނަށް އެއްޗެހި ގޮވާ ހިސާބަށް ދިޔުމުން ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ފެއިލްވެފައިވާ ކަމަށެވެ.



"އެހެން ޕާޓީގެ މީހަކު ގެނެސް ރައީސް ސާލިޙަށް އެއްޗެހި ގޮއްވާ ހިސާބަށް ދިޔައީމަ ހަސަން ލަތީފް ފެއިލްވެފައި ތިހުރީ، ބަރުލަމާނީ ލޯގޯ ޖަހައިގެން ތި ކުރާކަމަކީ އެމްޑީޕީ ފުނޑާލުން." ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ގައުމީ މަޖިލީހުގެ މާލެ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާ މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ކެމްޕޭން ޖަލްސާގައި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވަނީ ރައީސް ސާލިޙުގެ އިސްތިއުފާއަށް ގޮވާލާފައެވެ. މާލޭގެ ކުރީގެ މޭޔަރުކަން ކުރެއްވި ޝިފާ މުހަންމަދުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ހިންނަވަރު މީހަކަށް ރާއްޖޭގެ ވެރިކަން ދެން ދެވިގެން ނުވާނެ ކަމަށެވެ. ރައީސް ނަޝީދާ ދެކޮޅަށް ނުކުންނަވާއިރު ރައީސް ސޯލިހް ވިސްނަވަން ވާނެ ކަމަށް ޖާބިރު ވިދާޅުވިއެެވެ. ޖާބިރު އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި ޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމުހޫރިއްޔާއަށް ފާޑުވިދާޅުވިއިރު އެކަން ހުއްޓުވަން ޝިފާގެ ކެމްޕޭން ޖަލްސާގެ އެއްވެސް ބޭފުޅަކު މަސައްކަތް ކުރައްވާފައިނުވާތީއާ އަދި ޝިފާ އެކަމަށް ހިތްވަރު ދެއްވާ އެކަން ޖާބިރުލައްވައި ކުރުވީ ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިޔުން ޝިފާއަށް ވަނީ އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން