މަސްތުވާތަކެތީގެ މައްސަލަ ހައްލުވާނީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވައިގެންކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު ވިދާޅުވީ ރާއްޖެ މިއަދު މިއޮތީ މަސްތުވާތަކެތީގެ ވަބާގެ ބަނަ ވިލާގަނޑެއްގެ ދަށުގައި ކަމަށެވެ. އަދި މަސްތުވާތަކެތި އެތެރެކުރާ ފަރާތްތައް ހޯދައި، ހުއްޓުވައިގެން ނޫނީ އެކަމަށް ހައްލެއް ނުހޯދޭނެކަމަށް ޒައިދު ވިދާޅުވިއެވެ.

"ބޭފުޅުންނޭ.. މަސްތުވާތަކެއްޗަކީ ﷲ ހަރާމް ކުރައްވާފައިވާ އެއްޗެއް.. މަސްތުވެގެން ހުރެ މަރުވެއްޖެނަމަ ދޭނީ ކޮން ޖަވާބެއްތޯ؟" ޒައިދު ވިދާޅުވިއެވެ.



ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައިވާއިރު އެންމެފަހުން ދިން ހުކުރު ހުތުބާގައިވެސް މިކަމަށް ވަނީ އަލިއަޅުއްވާލާފައެވެ. އެގޮތުން މުޖުތަމަޢުގައި ހިނގާ ގެވެށި އަނިޔާގެ ގިނަ މައްސަލަތަކުގައި މަސްތުވާތަކެތީގެ ދައުރު ބޮޑުކަމަށް ވިދާޅުވެ، މަސްތުވާތަކެތީގެ ވަބާގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އެހީތެރިވުމަށް ހުކުރު ޚުޠުބާގައި ގޮވާލެއްވިއެވެ.



ހުކުރު ޚުޠުބާގައި ވަނީ މީސްތަކުންނަށް ފައިދާހުރި ރަނގަޅު އެންމެހައި ތަކެތި ﷲ ޙަލާލު ކުރެއްވިކަމަށާއި، ގެއްލުންހުރި ނުބައި އެންމެހައި ތަކެތި ޙަރާމް ކުރެއްވިކަމަށް ބަޔާންކުރައްވާފައެވެ. އަދި އިންސާނާއަށް ބުއްދި ދެއްވާފައިވަނީ ވިސްނައި ފިކުރު ކުރުމަށްޓަކައިކަމަށާއި، ހެވާއި ނުބައި ވަކިކޮށް ދެނެގަތުމަށްޓަކައިކަމަށް ވިދާޅުވެ ހުކުރު ޚުޠުބާގައި ވަނީ ﷲ އަންގަވާފައިވާ ގޮތަށް ހެޔޮގޮތުގައި ބުއްދީގެ ބޭނުން ހެއުގޮތުގައި ނުހިފާ މީހާގެ ދަރަޖަ ﷲގެ ޙަޟްރަތުގައި ޖަނަވާރުންގެ ދަރަޖައަށްވުރެ ވެސް ދަށުދަރަޖައަށް ވެއްޓިގެން ދާކަން ޤުރްއާނުގައި ބަޔާންކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ.

މަސްތުވާ ކޮންމެ އެއްޗަކީ އޭގެ ސަބަބުން އެ ބޭނުންކުރާ މީހާ ހަމަބުއްދިން އެއްކިބާ ކޮށްލާ އެއްޗެއްކަމަށާއި، ނަތީޖާއެއްގެ ގޮތުން، ސިކުނޑިން ފޮނުވާ ނުރަނގަޅު މެސެޖުތަކެއްގެ ސަބަބުން އަމިއްލަ ނަފްސުގެ ކޮންޓްރޯލު ގެއްލިގެން ދާކަމަށްވެސް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ. އަދި މަސްތުވާތަކެތީގެ ސަބަބުން އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި، އަމިއްލައަށް މަރުވުން ފަދަ ހިތާމަވެރި ކަންތައްތަކަށް މަގުފަހި ވެގެން ދާކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ މިހާރު އޮތީ ކަންބޮޑުވާ ދަރަޖައަށް ގޯސްވެފައިކަން ވަރަށް ފަހުން ހެލްތު މިނިސްޓަރ ވެސް ވަނީ ފާހަގަ ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން