ދައުލަތުގެ ބެލުމުގެ ދަށުގައި ތިބެންޖެހޭ ކުދިން ފުރާޅުމަތިން ހޯދަން ޖެހުނީމަ ޖެންޑަރ މިނިސްޓްރީ އޮތް ހާލަތު ފެނި، ހާމަވާކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ވަޒީރުކަމުގައި ވުޒާރާގެ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލަތަކެއް ކޯޓުގައި ހިނގަމުން ދަނިކޮށް ޕީޖީގެ އެހީއާއެކު ޕާސްޕޯޓް ދޫކޮށްލުމުން ރާއްޖެ ދޫކޮށް ވަޑައިގެން އިނގިރޭސި ވިލާތުގައި މިހާރު ހުންނެވި އަލީ ވަހީދު މިހެން ވިދާޅުވެފައި މިވަނީ، ޖެންޑަރ މިނިސްޓްރީގެ ދަށުގައި ހުންނަ ހުޅުމާލެ ފިޔަވަތީގެ ކޮންޓްރޯލް ގެއްލި، އެތަނުގައި ގިނަ ކަންތައްތަކެއް ހިނގުމާއި ގުޅިގެނެވެ.

އަކީ ވަހީދު މިއަދު ވިދާޅުވީ ‏މިހާރުގެ ޖެންޑަރ މިނިސްޓަރާއެކު މުޅި މިނިސްޓްރީ އޮތީ ބޮއްސުންލައި ފެއިލްވެފައިކަމަށެވެ. އަދި މިކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތައް މަޤާމުން ވަކިކޮށް، ފިޔަވަތީގެ މައްސަލަތަކުގައި މިނިވަން ޕަބްލިކް އިންކުއަރީއެއް ހިންގަންޖެހޭކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ޚާއްސަ އަޅާލުމާ ލޯބި ދޭންޖެހޭ ކުޑަކުދިން، ފުރާޅުމަތިން ހޯދަން ޖެހުނީމަ ވުޒާރާއޮތް ހާލު ފެންނަކަމަށެވެ.



ފިޔަވަތީގައި ހުކުރުދުވަހު އިރުއޮއްސުނީއްސުރެ މައްސަލަގަނޑު ބޮޑުވެ ބައެއް ކުދިން ފުރާޅުމައްޗަށް އަރައި ދޮރުތައް ހަލާކުކޮށް ހަދާފައިވާއިރު އެ ރޭ ވަނީ އެތަނުގައި އަލިފާން ވެސް ރޯކޮށްލާފައެވެ. ފިޔަވަތީގައި ރޯކުރި އަލިފާންގަނޑު ނުފެތުރެނީސް، އެތަނުގެ މުވައްޒަފުން ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައެވެ. މިހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މިކަންތައްތަކާ ގުޅިގެން މަޖިލީހުގެ ޖެންޑާ ކޮމިޓީން ވަނީ ހޯމަ ދުވަހު ބާއްވާ އެ ކޮމިޓީގެ ޖަލްސާއަށް ކަމާބެހޭ އިދާރާތައް ހާޒިރުކޮށް މިކަމުގައި ކަންކަން ސާފުކުރުމަށް ނިންމާފައެވެ. މިބައްދަލުވުމަށް ޖެންޑާރ މިނިސްޓްރީއާއި، އެޗްއާރުސީއެމްއާއި، ޗިލްޑްރަން އޮމްބަޑްސްޕާސަން އެ ކޮމިޓީއަށް ހާޒިރުކޮށް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފިޔަވަތީގައި ހިނގަމުންދާ ހާދިސާތަކާއި ގުޅިގެން ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ، އެ މައްސަލަ އެ އޮފީހުން މޮނިޓަރކުރަމުން ގެންދާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެއްވެސް އިދާރާއަކުން އަދި އާންމު ފަރާތްތަކުންވެސް ފިޔަވަތީގައި ތިބޭ ކުޑަކުދިންގެ ފޮޓޯއާއި ވީޑިއޯ އާންމު ނުކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން