އަންނަ އަހަރުގެ ތެރޭގައި އިތުރު 30 ކަނދުފަތި އަޅާނޭކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

5 ވަނަ ޖީލުގެ މަސްދޯނި ފަހަރު ފަރުމާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ހުސައިން ރަޝީދު ހަސަން ވިދާޅުވީ، 1981 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކަނދުފަތި އަޅަމުންދާއިރު، އެކަމުގެ ސަބަބުން މަސްވެރިންނަށް ބޮޑެތި ފައިދާތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން މަސްވެރިންނަށް ފަސޭހައިން މަސް ބޭނި އަދި ފެކްޓްރީތަކަށް ބޭނުންވާ މަސްވެސް ޤަވާއިދުން ލިބެމުންދާނެކަމުގެ ޔަޤީންކަން ލިބިގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިހާރު ރާއްޖޭގައި 56 ކަނދުފަތި އޮތްއިރު އަންނަ އަހަރު ކަނދުފަތީގެ ވިއުގައަށް އިތުރު 30 ކަނދުފަތި އިތުރުކުރައްވާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްގެން ރާއްޖޭގައި އަޅާފައި ހުންނަ ކަނދުފަތި ކައިރިއަށް ޒުވާނުން ގޮސް ނަނު ފައްތައިގެން މަސް ބާނާކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ. އޭގެ ސަބަބުން ދޮށީގެ މަސްވެރިންނަށް އުނދަގޫތަކެއް ކުރިމަތިވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މުނިފޫހިފިލުވުމަށްޓަކައި މަސް ބާނަން ދިއުމަކީވެސް ވަރަށް މުހިންމު ކަމެއްކަމަށާއި މިކަމަށް ޚާއްސަކޮށްގެން ރަށުގެ ކައިރީގައި ސަރުކާރުން ޚާއްސަ ކަނދުފަތިތަކެއް އެޅުމަށް ހަމަޖެހިފައިވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު