ޓެރަރިސްޓް އަމަލުތައް ހިންގަފާނެކަމަށް ތުހުމަތުކުރެވޭ ފަރާތްތައް ބަންދުގައި ބޭތިއްބޭ ގޮތަށް ޓެރަރިޒަމް ޤާނޫނުގެ ތެރެއިން ޖާގަ އެބައޮތްކަމަށް ބަންޑާރަ ނާއިބް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނާއިބު މިހެން ވިދާޅުވެފައި މިވަނީ މުޖްތަމަޢަށް ނުރައްކާތެރި ފަރާތްތައް ބަންދުގައި ބޭތިއްބޭނެ ގޮތެއް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ތެރެއިން އަދިވެސް މަގުދައްކައި ނުދޭކަމަށް ހޯމް މިނިސްޓަރު ވިދާޅުވުމާއި ގުޅިގެން މަޖިލީހުގެ ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބުގައެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން އޭޖީ ވިދާޅުވީ ނުރައްކާތެރި މީހުން ހިފާ ހައްޔަރު ކުރުމަށް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތްކަމަށާއި ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ ދަށުން ހޯމް މިނިސްޓަރަށާއި، ފުލުހުންނަށް ބާރުތައް ލިބިދީފައިވާކަމަށެވެ. އެގޮތުން މުޖުތަމައަށް ނުރައްކާތެރި މީހުން ހިފާ ހައްޔަރުކޮށް އެފަދަ މީހުންގެ މައްޗަށް މޮނިކޮމް އަމުރުނެރުމުގެ ބާރު ހޯމް މިނިސްޓަރަށް ޤާނޫނުން ލިބިދީފައިވާކަމަށާއި އަދި އެފަދަ މީހުންގެ މައްޗަށް މޮނިކޮމް އަމުރު ނެރުމަށް ހައިކޯޓަށް ގޮސްފިނަމަ މިހާތަނަށް އެއަމުރު ނެރެދީފައިވާކަމަށް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.

އޭޖީ ވިދާޅުވީ މޮނިކޮމް އަމުރަކީ ޤާނޫނުގައި އެއްއަހަރު ދުވަހަށް ނެރެވޭ އަމުރެއްކަމަށް ބުނެފައިވީނަމަވެސް އެއަށްވުރެ ދިގު މުއްދަތަށްވެސް އަމުރު ނެރެވޭގޮތަށް ޤަނޫނުން ޖާގަ ދީފައިވާކަމަށެވެ.

ބަންޑާރަ ނާއިބް ވިދާޅުވީ ޤާނޫނުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް ފުލުހުންނާއި ހޯމް މިނިސްޓްރީއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު މިހާރު މަޖިލީހަށް ބިލެއް ފޮނުވާފައިވާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު