ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް އެމަނިކުފާނު ނެންގެވި 22 ނުކުތާ މިއަދު ހުށަހަޅައި ނިންމާލައިފިއެވެ.

ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފުކުރުމަށް ނެންގެވި 22 ނުކުތާ ހުށަހަޅައި ނިންމަވާލެއްވިއިރު އެކަމަށް ސުޕްރީމްކޯޓުގައި ފަސް އަޑުއެހުމެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މިމައްސަލާގައި ސުޕްރީމް ކޯޓުގައި ދެން ބާއްވާ އަޑުއެހުމެއްގައި އޮންނާނީ ޔާމީންގެ ފަރާތުން ހުށަހެޅި ނުކުތާތަަކަށް ދައުލަތުން ރައްދު ދިނުމެވެ. އެކަމަށް ވެސް ދިގު އަޑުއެހުމެއް ކުރިއަށް ގެންދާނެކަމަށް ބެލެވެއެވެ. އެއަށްފަހު ދެން ބާއްވާނީ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށާއި ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ޔާމީން އެދިވަޑައިގެންފައިވާތީ, އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ބާއްވާ އަޑުއެހުންތަކެވެ.

މި މައްސަލާގައި ރައީސް ޔާމީންވެސް އަދި ދައުލަތުންވެސް ވަނީ އާ ހެކި ހުށަހަޅަން ބޭނުންވާކަން ހާމަކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. އޭގެފަހުން އެމަނިކުފާނާއި ގުޅޭ އިތުރު މައްސަލަތަކެއްވެސް ކޯޓަށް ވަނީ ހުށަހަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު