ޖިންސީ ގޯނާގެ ސީރިއަސް ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކުރުމަށް ރެޑް ނޯޓިސް ނެެރުމަށް އޭނާ މިރޭ އެދިވަޑައިގެންފިއެވެ.

އިނގިރޭސިވިލާތުގައި ހުންނަވައިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އޭނާ އަކީ ކޯޓުތަކަށް ފިލައިގެން އުޅޭ މީހެއް ނޫން ކަމަށެވެ. އަދި އޭނާ ހައްޔަރުކުރުމަށް ރެޑް ނޯޓިސް ނެރުމަށް އަލީ ވަހީދު ގޮވާލެއްވިއެވެެ.

"އަޅުގަނޑު އެދެނީ ދައުލަތުން އަޅުގަނޑު "އުފުރާލަން" އަޅުގަނޑު މިތަނުން ގަދަކަމުން ގެންދަން އަންނަން، އެއީ އައީމަ މިގައުމުތަކަށް އެގޭނެ ދިވެހިރާއްޖޭގެ ޖުޑިޝަރީ އިސްލާހު ކުރާނަމޭ ކިޔައިގެން ވެރިކަން ހޯދައިގެން ކީއްތޯ މިކުރަނީ. އަޅުގަނޑު ކުޑަކޮށް ވެސް ދެރައެއް ނުވޭ އަޅުގަނޑުގެ މައްޗަށް ނޯޓިސް ނެރެގެން ބަލައި އައިސްދާނެތީ، އަޅުގަނޑު އާދެހާއެކު މިދަންނަވަނީ ވަޑައިގަންނަވާށޭ." އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ޖިންސީ ގޯނާގެ ތުހުމަތާއި ގުޅިގެން ފުލުހަށް ހާޒިރު ކުރި ނަމަވެސް ތުހުމަތުތަކާއި ގުޅިގެން އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށެވެ. އެކަން އެރޭ ވަކީލުންގެ ގޮތުގައި ވަޑައިގެންނެވި ވަކީލު ހަސީނާއި ވަކީލު ޝާއިރަށް އެނގިވަޑައިގަންނަވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެެ.

ސަރުކާރުން މިހާތަނަށް ދައްކަމުންދާ ހުރިހާ ވާހަކަތަކަކީ ސިޔާސީ ވަކި މަގުސަދެއްގައި ދައްކަމުންދާ ވާހަކަތަކެއް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ އޭނާ ފްރޭމް ކުރުމުގެ އަޑީގައި ތިބީ 15 ފިރިހެނުން ކަމަށެވެ. އަދި އޭނާ ޖިންސީ ގޯނާ ކުރީ ކާކަށް ކަމެއް މިހާތަނަށް ދައުލަތަށް ބުނެދެވިފައިނުވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"އަދިވެސް އަލީ ވަހީދަކަށް ނޭގޭ އަލީ ވަހީދު ކާކާއި ކަމެއް ބެހުނީ، ފިރިހެނަކާއި ކަމެއް އަންހެނަކާއި ކަމެއް ބުޅަލަކާއި ކަމެއް މީދަލަކާއި ކަމެއް ވެސް ނޭގެއޭ އަލީ ވަހީދު 15 މީހުންނާއި ބެހުނިއްޔާ އެ 15 މީހުން ހުންނަންވާނެ، އޭތި ޝަރީއަތް ސިއްރު ކުރެވިދާނެ، މީޑިޔާ އަށް ސިއްރު ކުރެވިދާނެ ރައްޔިތުންނަށް ވެސް ސިއްރު ކުރެވިދާނެ. އެކަމަކު ކިހިނެއްތޯ އަޅުގަނޑަށް ސިއްރުކުރަނީ އަޅުގަނޑު އިއުތިރާފްވާން އިއުތިރާޒްވާން ވެސް އެގޭނީ އަޅުގަނޑު ކުރި ކަމަކާއި ކުރި މީހެއް އެނގިގެން ނޫންތޯ؟" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު އިނގިރޭސި ވިލާތަށް ވަޑައިގަތީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވަނިކޮށް ބޭސްފަރުވާ އަކަށެވެ. އަދި އޭގެފަހުން އޭނާ ރާއްޖެ ވަޑައިނުގެން ޝަރީއަތުގައި ބައިވެރިވަނީ އޮންލައިންކޮށެވެ. ކޯޓަށް ހާޒިރުވުމަށް ތަކުރާރުކޮށް އެންގުމުން ވެސް ހާޒިރުވެޑައިނުގެން އެގައުމުގައި އުޅުއްވަނިކޮށް އިނގިރޭސިވިލާތުގެ އިމިގްރޭޝަން ޤާނޫނުތަކާއި ޚިލާފުވެގެން އެޤައުމުގެ ފުލުހުން އޭނާ ހައްޔަރުކޮށް 15 ދުވަސް ވަންދެން ބެހެއްޓުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

ސުޕްރީމްކޯޓުގެ ހުރުމަތް ކަނޑައިގެން 2 މަހާއި 12 ދުވަހަށް ޖަލު ހުކުމެއް އަލީ ވަހީދުގެ މައްޗަށް މިހާރު ވަނީ އިއްވާފައެެވެ. އެ ހުކުމް ތަންފީޒުކުރުމަށް ސުޕްރީމް ކޯޓުން ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރު ވެސް ކޮށްފަ އެވެ. ސްޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން ކަރެކްޝަނަލް ސަރވިސް އިން ފުލުހުން އެހީތެރިކަމަށް އެދުމާއި ގުޅިގެން ފުލުހުން ވަނީ އަލީ ވަހީދު ރާއްޖެ ގެނައުމަށް އިންޓަޕޯލް އެހީއަށް އެދޭނެ ކަމަށް ބުނެފައެވެ.

ނަމަވެސް އަލީ ވަހީދު މިރޭ ވިދާޅުވީ ސްޕްރީމް ކޯޓަށް ހާޒިރުވާން އޭނާއަށް ފޮނުވީ ނުބައި ޗިޓެއް ކަމަށެވެ. ފަހުން ރަނގަޅަށް ފޮނުވި ޗިޓުގައި އޮތީ އޮންލައިންކޮށް ޝަރީއަތުގައި ބަައިވެރިވުމަށް ކަމަށް އަލީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން