ފައިޒާ ވެކްސިނަކީ 12 އަހަރުން ދަށުގެ ކުޑަކުދިންނަށްވެސް ވަރަށް ރައްކާތެރި ވެކްސިނެއްކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

ފައިޒަރ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، އުމުރުން ފަސް އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމުގެ ކުރިން ކުރިއަށް ގެންދިޔަ ދިރާސާއިން، ކޮވިޑް ވެކްސިނުން، އެއުމުރުފުރާގެ ކުދިންގެ ދިފާއީ ނިޒާމު ވަރަށް ބޮޑަށް ވަރުގަދަ ކޮށްދޭކަން ވަނީ ހާމަވެފައެވެ. މިގޮތުން މިއީ ވެކްސިން ބޭނުންކޮށްގެން އުމުރުން ހަގު ކުޑަކުދިންގެ މެދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކޮށް، މިބަލިން ރައްކާތެރިކޮށްދިނުމަށް މަސައްކަތްކުރުމަށް ލިބިގެންދާނެ ފުރުސަތެއްކަމަށް ފައިޒަރ ކުންފުނިން ހާމަކޮށްފައިވެއެވެ.

"މިއީ ވަރަށް އުފާވެރި ހަބަރެއް. ކާމިޔާބު ދިރާސާ އަކުން ދައްކައިފި އުމުރުން ފަސް އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންގެ މެދުގައި ފައިޒަރ ވެކްސިނުން އެކުދިންގެ ދިފާއީ ނިޒާމު އިތުރަށް ވަރުގަދަ ކޮށްދޭކަން. ކުޑަކުދިންގެ މެދުގައި ކޮވިޑް ފެތުރި، ހާލު ބޮޑުވެ މަރުވެފައިވެސް އެބަހުރި. މިއީ ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް އުމުރުން ހަގު ކުދިންގެ މެދުގައި މިބަލި ފެތުރި ހާލު ބޮޑުވުމުން ރައްކާތެރިކޮށްދިނުމަށް." ފައިޒަރ ކުންފުނީގެ ވެކްސިން ކްލިނިކަލް ރިސާރޗް އެންޑް ޑިވެލޮޕްމެންޓްގެ ނާއިބު ރައީސް ބިލް ގްރޫބަރ ވިދާޅުވިއެވެ.

ފައިޒަރ ކުންފުނީގެ މިދިރާސާގައި އުމުރުން 5 އަހަރާއި 11 އަހަރާއި ދެމެދުގެ 2،268 ކުދިން ބައިވެރިވެފައިވެއެވެ. މިދިރާސާގައި ބައިވެރިވި ކޮންމެ ކުއްޖަކަށް 21 ދުވަހުގެ ދުރުމިނުގައި ކޮވިޑް ވެކްސިނުގެ ދެޑޯޒް ދީފައިވެއެވެ. މިކުދިންނަށް ދީފައިވަނީ 12 އަހަރުން މަތީގެ ފަރާތްތަކަށް ކަނޑައަޅާފައިވާ ކޮވިޑް ވެކްސިނުގެ ޑޯޒަށް ވުރެ ކުޑަ ޑޯޒެކެވެ.

މީގެ އިތުރުން، އުމުރުން 5 އަހަރުން ދަށުގެ ކުދިންގެ މެދުގައި ކުރިއަށްދާ ވެކްސިނުގެ ތަހުލީލުތައް މިއަހަރު ފަހުކޮޅު އާންމު ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ފައިޒަރ ކުންފުނިން ހާމަކޮށްފައިވެއެވެ.

ފައިޒާގެ ދިރާސާތަކާއެކު 5 އަހަރާ 11 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ވެކްސިން ދިނުމުގެ ހުއްދަ ހޯދުމަށް އެދި އެކުންފުނިން މިހާރު ވަނީ ދުނިޔޭގެ ސިއްހީ އިދާރާއަށް ހުށަހަޅާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން