ހުޅުމާލޭގެ ފިޔަވަތީގައި މިދިޔަ ހުކުރު ދުވަހުގެރޭ ކަންތައްތަކެއް ހިނގަމުންދިޔައިރު އެ ތަނުގެ އެތެރެއަށް މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވަދެވަޑައިގެންނެވި މައްސަލައިގައި ލިޔުމުން ބަޔާން ދެއްވުމަށް އެލްޖީއޭއިން އޭނާއަށް އަންގައިފިއެވެ.

ޝުޖާއުގެ ލިޔުމުން ބަޔާން ދެއްވުމަށް އެލްޖީއޭއިން އަންގާފައި މިވަނީ އޭނާގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން އެންގުމުންނެވެ.

އެ މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަނާއި ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ އޮފީހުން އެކުލަވާލި ރިޕޯޓުގައިވެސް ޝުޖާއު އެތަނަށް ވަންކަން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ޝުޖާއު ވިދާޅުވީ "ފިޔަވަތި"އަށް އޭނާ ވަދެވަޑައިގަތީ އެ ތަނުގައި ތިއްބެވި އިސްބޭފުޅުންގެ ހުއްދައާ އެކުކަމަށެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާ ކުރުމަށްފަހު ޝުޖާއުގެ މައްސަލަ ބެލުމަށް އެލްޖީއޭއަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހުއެވެ.

އެލްޖީއޭއިން ޝުޖާއުއަށް ފޮނުވި ސިޓީގައި ބުނީ ޝުޖާއު، އެ ސަރަހައްދަށާއި މަރުކަޒަށް ވަދެވަޑައިގެން އެ ތަނުގައި އުޅޭ ކުދިންނާ ވާހަކަ ދެއްކެވުމުގެ ސަބަބުން އެ ކުދިންނަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަމަށެވެ. އަދި ފިޔަވައްޗަށް އާންމުންގެ ބަޔަކު ވައްދަން ވެސް ޝުޖާއު މަސައްކަތް ކުރެއްވި ކަމަށް ރިޕޯޓުގައި ތުހުމަތު ކޮށްފައިވެއެވެ.

އެހެންކަމުން އެކަމުގައި ކަން ހިނގާފައިވާ ގޮތާއި އެކަމާއި ގުޅޭގޮތުން ފާހަގަކުރައްވަން ބޭނުންވާ ކަންކަމުގެ ބަޔާނެއް ފޮނުއްވުމަށް ޝުޖާއުއަށް އެލްޖީއޭއިން އަންގާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން