މިއީ ޤައުމު ކުޑަޔަސް ދިވެހިން ކުޑަ ނޫންކަމަށް މުޅިދުނިޔެ ހެކިވާ ވަގުތުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.

އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ތަޤުރީރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިނިވަން ދައުލަތެއްގެ މަގާމު، ޖަޒީރާ ރާއްޖެއަށް ލިބުނީ މީގެ 56 އަހަރު ކުރިންކަމަށާއި އެއާއެކު ދިވެހިން އަވަސްވެގަތީ އދ.ގެ މެމްބަރަކަށް ދިވެހިރާއްޖެވުމަށްކަމަށެވެ. ނަމަވެސް އެކަން ހާޞިލުވެދާނެކަމުގެ ޔަގީންކަމެއް އެދުވަހަކު ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

"އެއީ، އިސްތިޢުމާރީ ބާރުތައް ލޫދެމުން ދިޔަ ދަނޑިވަޅު. ގައުމުތައް ވީއްލި މިނިވަންވަމުން ދިޔަ، ފަހުގެ ތާރީޚް ދެއްކި އާ ޒަމާން. އެއީ، އަމިއްލަ ހިތްވަރާ މިންނަތުން، ބައްރުތައް ހިންދެމި، އެތަކެއް ޤައުމު އަލަށް އުފަންކުރުވި، ރަންޒަމާން. އެއީ ތަހުޒީބާ ތަމައްދުންގެ އެދުމުގާ، އިންސާނިއްޔަތު ހަށިފޮޅާލި ޒަމާން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭރުގެ ޙައްސާސް އިހުސާސަކީ، ކުދިޤައުމުތަކުން އދ.ގެ ސަފަށް އެރުމަށް، ބޮޑެތި ޤައުމުތަކުގެ ރުހުން ލިބުމާއި ނުލިބުމުގެ މައްޗަށް އޮތް އިޙްސާސްކަމަށެވެ. އަދި ރާއްޖެއަށް އދ.ގެ މެމްބަރުކަން ދިނުމާމެދު ބާރުގަދަ ބޮޑެތި ޤައުމުތަކުގެ ރައުޔަކީ އެދުވަހު ދިވެހިންނާ ކުރިމަތިވި އެންމެ ބޮޑު އެއް ސުވާލުކަމަށް ރައީސް ވިދާޅުވިއެވެ.

"ބައިނަލް އަޤްވާމީ މަސްރަހުގާ ބަސްބުނުމުގެ ޤާބިލިއްޔަތު އަދި އެކަމުގެކުފޫ އަޅުގަނޑުމެންގެ ކިބައިގާ ހަމަވޭތޯ، ނުވަތަ ނޫންތޯ އޮތް ސުވާލު. އޭގެ 56 އަހަރުފަހުން މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގާ މިމަޖިލީހުގެ ރިޔާސަތާ މުޚާތަބްކޮށް އަޅުގަނޑު ވާހަކަ މިދައްކަނީ ދިވެހިންގެ މާދަރީ ބަހުން. ދިވެހީންނަށް އަސަރުގަދަ އަދި އެންމެފޮނި ބަހަކަށްވި ދިވެހިބަހުން. މި މަޖިލީހުގެ ރިޔާސަތަށް އެންމެފަހި، ފަސޭހަ އަދި ފަރިތަ ބަހުން." ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މިއީ ޤައުމު ކުޑަޔަސް ދިވެހިން ކުޑަ ނޫންކަމަށް މުޅިދުނިޔެ ހެކިވާ ވަގުތުކަމަށެވެ. އަދި އދގެ އާއްމު މަޖިލީހުގެ ރިޔާސަތު ރާއްޖެއަށް ލިބުމަކީ ދިވެހީންނަށް ލިބުނު ނުހަނު ބޮޑު އުފަލަކާ މަތިވެރި ޝަރަފެއްކަމަށާއި އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ޕްރެޒިޑެންސް އޮފް ހޯޕް ނުވަތަ އުންމީދީ ރިޔާސަތުގެ ނަމުން ނަންދެއްވީތީ އުފާކުރާކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

"އިންސާނުން ތަހަންމަލު ކުރަމުންދާ ތަކުލީފާ، ކުރިމަތިވެފައިވާ މިންޖުވުމަށް އޮތް ފުރަތަމަ ފަރުވާއަކީ އެކަމަށްކުރާ އުންމީދު. އދ.ގެ އުފެދުމުގައިވެސް ވަނީ އުންމީދު ހަނގުރާމައާއި ހައިހޫނުކަން ނެތް ދުނިޔެއަކަށް، އޭރުކުރި އުންމީދު. ހަމަހަމަކުން ދުނިޔެއަށް ފަތުރާލުމަށް ކުރި އުންމީދު. އިންސާފާ އިންސާނީ ޤަދަރާ ކަރާމާތާ ޑިމޮކްރަސީއަށްކުރި އުންމީދު. އިސްތިޢުމާރީ އަޅުވެތިކަމުން ވީއްލި، އެބައެއްގެ ގޮތް އެބަޔަކު ނިންމާ، މިނިވަން ކަމާއެކު އިޚްތިޔާރު ކުރުމުގެ ހައްޤު ލިބިގަތުމުގެ އުންމީދު." ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ފާއިތުވި 76 އަހަރުގެ ތެރޭގާ ކޮންމެ އަހަރަކު އާއްމު މަޖިލިސް އެއްތަންވާކަމަށާއި ބައިނަލް އަޤުވާމީ މުޖުތަމަޢަށް ކުރިމަތިވި އެތަކެއް މައްސަލަތަކާ މެދު ބަހުސްކޮށް ގޮތްތައް ނިންމާކަމަށެވެ. އެހެން ނަމަވެސް ކޯވިޑް 19ގެ ޢާލަމީ ބަލިމަޑުކަން ވަނީ މުޅި އިންސާނިއްޔަތު ފަހަތަށް ޖައްސާފައިކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ މައްސަލަތައް ދަނީ އިތުރުވަމުންކަމަށާއި ދުނިޔޭގެ އާބާދީ އިތުރުވެ މީސްގިނަވަމުންދާއިރު، ބަލިމަޑުކަމާއި ހައިހޫނުކަމުން އުފައްދާ ބަނަ ވިލާތައް ކެހިގެން ނުދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން