ފަލަސްތީނުގެ ރައްޔިތުން ބަލައިގަތުމުން ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ ވިދާޅުވެ، ފަލަސްތީނުގެ ދައުލަތް ދުނިޔެއިން ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގޮވާލައްވައިފިއެވެ.

އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ތަޤުރީރުކުރައްވަމުން ރައީސް ސާލިހު ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގެ އަންހެނުންނާއި، ކުޑަކުދިންނާއި ޒުވާނުންގެ ހައްގުތައް ތަކުރާރުކޮށް އެބަ ނިގުޅައިގަންނަކަމަށެވެ. އަދި މިއަދުގެ ހޭލުންތެރި ޒުވާން ޖީލުގެ އެތައްބަޔަކު، އެތައް ޤައުމަކުން ފަލަސްތީނުގެ ހައްޤުގާ އެނުކުންނަނީ ބޭއިންސާފާއި ލާ އިންސާނިއްޔަތަށް ނޫނެކޭ ބުނަމުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އދ.ގެ ޢާންމު މަޖިލީހާ ސެކިއުރިޓީ ކައުންސިލުން ފަލަސްތީނުގެ ހައްޤުގާ ނެރުނު ޤަރާރުތަކާ ނިންމުނު ނިންމުންތައް ގިނަކަމަށާއި މަދު އެއްޗަކީ، ޢަމުދުން ނުވެސް ނެތް އެއްޗަކީ ފަލަސްތީނުގެ ހައްގުކަމަށެވެ.

"ކުޑަ ދައުލަތެއް ތަމްސީލުކުރާ މީހެއްގެ ހައިސިއްޔަތުން މިއަދު މިތާހުރެ މިވާހަކަ އަޅުގަނޑަށް ދެއްކޭ ސަބަބެއް އެބަވޭ. އެއީ ދުނިޔެއިން އަޅުގަނޑުމެން ދިވެހިރާއްޖެ ބަލައިގެންފައިވުން. މިލިއަނުން އަދަދު މަތި ފަލަސްތީނުގެ ރައްޔިތުން ބަލައިގަތުމުން ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ؟ އެބަޔަކު އަޅުގަނޑު މިތާހުރެ ތަމްސީލުކުރާ ދިވެހިން ބޭނުންވަނީ އދ.އިންނާއި މުޅި ދުނިޔެއިން މިނިވަން ޤައުމެއްގެ ގޮތުގާ ފަލަސްތީނު ބަލައިގަތުން، އެމީހުންނަށް އެމީހުންގެ މިނިވަންކަމާ ހައްޤުތަކާ އިމްތިޔާޒާ އިޚްތިޔާރުތައް ދޫކޮށްލުން. ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރުމުގާ ދިވެހިން އަބަދުވެސް ދެމިތިބޭނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހުގެ ތަގުރީރުގައި ދެކުނު އޭޝިއާގެ އަވަށްޓެރި ޤައުމެއްގެ ހައިސިއްޔަތުން އަފްޣާނިސްތާނުގެ މިއަދުގެ ހާލަތާމެދު ދިވެހިން ކަންބޮޑުވާކަމަށްވެސް ވިދާޅުވިއެވެ. އަދި އެޤައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުވުން މުހިއްމުކަމަށާއި އެކަންކަން ޔަޤީންކުރުމަށް ރައްޔިތުން އިންތިޚާބުކުރާ ސަރުކާރެއް އެޤައުމުގާ އޮތުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަގުން ގޮސް އަފްޣާނިސްތާނަކީ ދުނިޔޭގެ ޤައުމުތަކާ ގުޅުންބަދަހި، ހުރިހާ މާނައެއްގައި ކުރިއަރާދާ ސުލްހަވެރި އަމާން ޤައުމަކަށް ވެވިދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން