އަހުމަދު މަސްނޫމް   22 ސެޕްޓެމްބަރު 2021 - 1:29
ރާއްޖޭގެ ރަށަކަށް ޒިޔާރަތް ކުރި ފަތުރުވެރިން.
ރާއްޖޭގެ ރަށަކަށް ޒިޔާރަތް ކުރި ފަތުރުވެރިން.
ރާއްޖެ އޮތީ ދުނިޔެއަށް މަރުހަބާ ކިއުމަށް ޒީނަތްވެ ތައްޔާރަށްކަމަށް ވިދާޅުވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ޒިޔާރަތްކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިރޭ ދައުވަތު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދައުވަތު ދުނިޔެއަށް ދެއްވީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ތަޤުރީރުކުރައްވަމުންނެވެ.

ރައީސް ސާލިހު ވިދާޅުވީ ކޯވިޑްގެ މިބަލިމަޑުކަމާއި ކުރިމަތިލުމަށް އަޅުގަނޑުމެން ފަށަންޖެހުނީ ސުމަކުންކަމަށެވެ. ނަމަވެސް މިބަލިމަޑުކަމުގެ ތެރެއިން މިހާހިސާބަށް އާދެވެންދެން ކަށަވަރުކުރި ވަކި ކަންތައްތަކެއް ހުރިކަމަށް ރައީސް ވިދާޅުވިއެވެ.

"އެއީ ކަމާބެހޭ ޞިއްހީ މާހިރުންގެ ލަފައާއި އިރުޝާދުގެ މަތީގާ ދެމިތިބުން. މުވައްޒަފުންނާ މުއައްސަސާތަކާ ވޮލަންޓިއަރުންގެ ސަފުތައް ރުކުރުވާލުން. ކާޑާ، ބޭހާ، ތެލާ، އެނޫންވެސް ޒަރޫރީ ތަކެތީގެ ސްޓޮކް ގުދަން ކުރުން. ނަތީޖާއެއްގެ ގޮތުން އެދުވަހު ޤައުމުލީ ފުންނޭވާއަށް މިވަގުތު ވަނީ ހަމަޖެހުމެއް ލިބިފައި." ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގައި ވެކްސިން ޖެހޭ ޢުމުރުފުރާގެ 95 އިންސައްތަ އަށްވުރެ ގިނަ ކިޔަވާ ކުދިންގެ ވެކްސިން ފުރިހަމަކޮށްފިކަމަށާއި އަދި ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 85 އިންސައްތަ އަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފިކަމަށެވެ. މީގެއިތުރުން ސްކޫލްތައް ހުޅުވި ވިޔަފާރިތައް ހިނގައިގަނެ، ބޯޑަރާއެކު ރިޒޯޓުތައް ހުޅުވިއްޖެކަން ރައީސް ސާލިހު ފާހަގަކުރެއްވިއެވެ.

"ރާއްޖެއޮތީ ދުނިޔެއަށް މަރުހަބާ ކިއުމަށް ޒީނަތްވެ ތައްޔާރަށް. ސަނީ ސައިޑަށް އިރު އަރައިފި. ވަޑައިގަންނަވާ." މުޅި ދުނިޔޭގެ ކުރިމަތީގައި މާދަރީ ބަހުން ރައީސް ޞާލިހު ދެއްވި ތަގުރީރުގައި ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މުޅި އިންސާނިއްޔަތާ ހުރިހާ ޤައުމެއް ދިފާޢު ވެގެން މެނުވީ ހަޤީގީ ދިފާއެއް އަދި މާނަވީ ސަލާމަތެއް ކޯވިޑުން ނުހޯދޭނެކަމަށެވެ. އަދި މިވަބާއިން ރައްކާތެރިވުމަށް އޮތް އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިންކަމަށާއި އަދި ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަކީ އޮތް އެންމެ މުހިންމު ހައްލުކަމަށެވެ.

ރައީސް ވިދާޅުވީ ކޯވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކާ ހަމައެކަނި ބަލި ފެތުރުން މައިތިރި ކުރުމަކުން ނުނިމޭނެކަމަށެވެ. އަދި އިޤްތިޞާދާއި ފަރުދުންގެ ދިރިއުޅުން އަލުން އާރާސްތުކުރާނެ މަގެއް ހޯދުން މުހިންމުކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން