ޒަހީނުއްދީން ސަޢީދު   22 ސެޕްޓެމްބަރު 2021 - 3:50
އދ.ގައި ރައީސް އިބްރާހިމް މުހަންމަދު ސާލިހާއެކު މިރޭ ނިމިގެންދިޔަ ތާރިޚީ ވަގުތުކޮޅުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ބައިވެރިވެވަޑައިގެންފިއެވެ.

އދ. އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ދިވެހި ބަހުން ރައީސް އިބްރާހިމް މުހަންމަދު ސާލިޙު މިރޭ ވަނީ ތަގުރީރު ކުރައްވާފައެެވެ. ރައީސް އދ.ގައިި ތަގުރީރު ކުރެއްވިއިރު އދ.ގެ އާންމު ޖަލްސާ ރިޔާސަތުގައި އިންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދެވެ. އެހެންކަމުން ފަޚުރުވެރި މި ވަގުތުކޮޅު ތާރިޚުގެ ތެރެއަށް ވަދެގެން ވަނީ ގޮސްފައެވެ.

ރާއްޖެއަށް ބައިނަލް އަގުއާމީ މައިދާނުގައި ފަހުގެ ތާރިޚެއްގައި ލިބުނު އެންމެ ބޮޑު ކާމިޔާބީގެ ފަޚުރުވެރި ވަގުތުކޮޅުގައި އެ އުފަލުގައި ބައިވެރިވެވަޑައިގަތުމުގެ ޝަރަފު ހޯއްދެވި އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް، މޫސާ މަނިކެވެ. އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ރީކޯ މޫސަ ވަނީ އދ. ޖަލްސާ އަށްފަހު ރައީސް ސާލިޙާއި ބައްދަލު ކުރައްވައި ފޮޓޯއެއް ނަންގަވައި ރާއްޖެއަށް ލިބުނު މަތިވެރި ޝަރަފާއި ފަޚުރުވެރި ވަގުތުކޮޅުގައި ބައިވެރިވެވަޑައިގެންފައެވެ.

މިޖަލްސާއަށް ފަހު ރީކޯ މޫސަ ވިދާޅުވީ ‏ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެހޯދި ފަޚްރުވެރި ކާމިޔާބީގެ ތާރީޚީ ޖަލްސާގެރިޔާސަތާ، ޕޯޑިއަމްގައިވެސް ތިއްބެވީ ދިވެހި ދެބޭފުޅުން ކަމަށެވެ.

"ރައްޔިތުންގެ މަޖްލީހުގައި އެކުގައި އުޅުއްވި ދެ ރަޙްމަތްތެރިންނަށް މަރްޙަބާ.‎" ރައީސް ސާލިހާއި މަޖިލީހުގެ ކުރީގެ ރައީސް އަބުދު ﷲ ޝާހިދާއެކުގައި ގިނަ ދުވަސް ތަކެއް ވަންދެން މަޖިލީހުގައި މަސައްކަތް ކުރެއްވި މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ‏ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ލިބުނުއެންމެ މަތިވެރި މަޤާމާ އަބުުދު ﷲ ޝާހިދު ހަވާލުވެވަޑައިގަންނަވާ ތާރިޚީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަކީ އޭނާއަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން