ޒަހީނުއްދީން ސަޢީދު   22 ސެޕްޓެމްބަރު 2021 - 5:12
ފަލަސްތީނަށް މިނިވަންކަން ހޯދައި ދިނުމަށް ބާރު އަޅުއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅަކީ ދުނިޔެއަށް ދިން ވަރުގަދަ މެސެޖެއް ކަމަށް ފަލަސްތީނުން ބުނެފިއެވެ.

ފަލަސްތީނުން އދ. އަށް ކަނޑައަޅާފައިވާ މިޝަނުން ކުރި ޓްވީޓެއްގައި ވަނީ ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން ގާނޫނާ ހިލާފަށް ބޭއިންސާފުން ވެރިވެގަންނަމުންދާ މައްސަލައިގައި ރާއްޖޭގެ ރައީސް މުޅި ދުނިޔެއަށް ވަރުގަދަ މެސެޖެއް ދެއްވާފައިވާތީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.



އދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ރޭ ދެއްވި ތަގުރީރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އ.ދ. ގެ އެތައް އަހަރެއްގެ މަސައްކަތުންވެސް ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ވަނީ ކަށަވަރުކޮށް ނުދެވިކަމަށާއި، އިޒްރޭލުން ފަލަސްޠީނުގެ އަންހެން ފިރިހެން ކުދިބޮޑު އެތައް ބައެއްގެ ޙައްޤުތައް ތަކުރާރުކޮށް ނިގުޅައިގަންނަމުންދާކަމަށެވެ. އެހެން ނަމަވެސް އަދުގެ ހޭލުންތެރި ޒުވާން ޖީލުގެ އެތައްބަޔަކު އެތައް ޤައުމަކުން ފަލަސްޠީނުގެ ޙައްޤުގައި ނުކުންނަނީ ބޭއިންސާފާއި ލާއިންސާނިއްޔަތަށް ނޫނެކޭ ބުނަމުންކަން އެމަނިކުފާނު ވިދާޅުވިއެވެ.

އދ. ގެ ޢާންމު މަޖިލީހާއި ސެކިއުރިޓީ ކައުންސިލުން ފަލަސްޠީނުގެ ޙައްޤުގައި ނެރުނު ޤަރާރުތަކާއި ނިންމުނު ނިންމުންތައް ގިނަ ނަމަވެސް، ފަލަސްޠީނުގެ ޙައްޤު ކަށަވަރު ނުކުރެވިވާކަން ރައީސް ސާލިހު ފާހަގަކުރެއްވިއެވެ. އަދި، ކުޑަ ދައުލަތެއް ތަމްސީލު ކުރާ މީހެއްގެ ހައިސިއްޔަތުން އެމަނިކުފާނަށް މިއަދު އ.ދ. ގައި ވާހަކަފުޅު ދެއްކެވެނީ ދުނިޔެއިން ދިވެހިރާއްޖެ ބަލައިގެންފައިވާތީ ކަމަށްވެފައި، މިލިއަނުން މީހުން ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން ބަލައިގަތުމުން ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ ރައީސް ސާލިޙު ވަނީ ސުވާލު އުފައްދަވާފައެވެ.



ދިވެހިން އެދެނީ ފަލަސްޠީނަކީ އ.ދ. އާއި މުޅި ދުނިޔެއިންވެސް މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިގަންނަ ޤައުމަކަށް ވުމަށާއި، އެމީހުންނަށް އެމީހުންގެ މިނިވަންކަމާއި ޙައްޤުތަކާއި އިމްތިޔާޒާއި އިޚްތިޔާރުތައް ދޫކޮށްލުން މުހިންމުކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި ސަރުކާރާއި ދިވެހި އެންމެހާ ރައްޔިތުން މިތިބީ ފަލަސްޠީނު ރައްޔިތުންނާއެކު ކަމަށާއި، ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރުމުގައި ދިވެހިން އަބަދުވެސް ދެމިތިބޭނެކަމަށެވެ.

ރައީސް ސާލިޙު މި މޭރުމުން ވާހަކަފުޅު ދެެއްކެވިއިރު 2019 ވަނަ އަހަރުގެ އ.ދ. ގެ 74 ވަނަ ޢާންމު މަޖިލީހުގައިވެސް އެމަނިކުފާނު ވަނީ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން