އަހުމަދު މަސްނޫމް   22 ސެޕްޓެމްބަރު 2021 - 16:58
ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއަށް ގެނެވޭނީ އިނގިރޭސިވިލާތުން އޭނާ ޑީޕޯޓް ކޮށްލުމުންކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިހެން ވިދާޅުވެފައި މިވަނީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް އެހުކުމް ތަންފީޒު ކުރުމަށް ސްޕްރީމް ކޯޓުން ކަރެކްޝަންގެ މައްޗަށް އަމުރުކޮށްފައި ވަނިކޮށެވެ. ކޯޓުން އެގޮތަށް ހުކުމްކުރީ މިދިޔަ މަހުގެ 11 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރުވެފައިނުވާތީއެވެ.

އަލީ ވަހީދުގެ މައްޗަށް ކުރި ހުކުމާއެކު އޭނާ ހޯދައިގެން ގެނެސްދިނުމަށް ކަރެކްޝަނަލް ސާވިސްއިން ވަނީ ފުލުހުންގެ މުއައްސަސާގައި އެދިފައެވެ.

މިކަމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ޝަރީއަތަށް ހާޒިރުނުވުމުގެ ހުކުމް ތަންފީޒުކުރުމަށްޓަކައި އަލީ ވަހީދު ރާއްޖެ ގެނެވޭނެ ހަމައެކަނި ގޮތަކީ އިނގިރޭސިވިލާތުން އަލީ ވަހީދު ޑީޕޯޓްކޮށްލުންކަމަށެެވެ. ސީޕީ ވިދާޅުވީ އަލީ ވަހީދަށް ކޮށްފައިވާ ހުކުމުގެ ބާވަތުން އޭނާ ރާއްޖެ ގެނައުމަށް ދަތިތަކެއް ހުރިކަމަށެވެ. އަދި އެފަދަ ހުކުމް ކޮށްފައިވާ ފަރާތްތައް އެއް ގައުމުން އަނެއް ގައުމަށް ބަދަލު ކުރުމުގެ އެއްބަސްވުމެއް ދެ ގައުމު ދެމެދުގައި ހަދާފައި ނުވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

އަލީ ވަހީދު އިނގިރޭސިވިލާތުގައި އުޅުއްވާއިރު، އޭނާއާ ދެކޮޅަށް ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ވަނީ ދައުވާ އުފުލާފައެވެ. ނަމަވެސް އޭނާ ރާއްޖެ އައިސްފައި ނުވާތީ އެމައްސަލަތައް ކުރިއަށްގެންދެވޭ ގޮތެއް ނުވެއެވެ.

އަލީ ދާދިފަހުން ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތު ތަކަކުން ބަރީއަވެ އޭނާގެ ކުށެއް ނެތްކަށް ހާމަކުރުމަށް ނޫސްވެރިން މެދުވެރިކޮށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭނާ ނޫސްވެރިންނާ ބައްދަލުކޮށް މުޅިން ވެސް ގޯސް ކުރީ ރައީސުލްޖުމްހޫރިއްޔާއާއި ޕީޖީ ޝަމީމާއި ޖުޑިޝަރީއާއި ފުލުހުންނާ ކޯޓުތަކާއި ސިޔާސީ ފަރާތްތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން