ސައުދީ ސަރުކާރުގެ ހިލޭ އެހީގައި ބިނާކޮށްފައިވާ ސަލްމާން މިސްކިތް ހުޅުވައިދެއްވުމަށް ރަސްގެފާނު ސަލްމާންގެ ދަރިކަލުން އަދި ސައުދީގެ ވަލީ އަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން ޢަބްދުލްއަޒީޒް ރާއްޖެ ވަޑައިގެންފާނެކަމުގެ އިޝާރާތެއް ކުރައްވައިފިއެވެ.

ސަލްމާން މިސްކިތް ހުޅުވުމަށް ޕްރިންސް މުހައްމަދު ރާއްޖެ ވަޑައިގަންނަވާފާނެކަމުގެ އިޝާރާތެއް ކުރެއްވީ ރާއްޖެއިން ސައުދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލެވެ.

ސައުދީގެ އަލް އަރަބިއްޔާ ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ހަލީލް ވިދާޅުވީ ސަލްމާން މިސްކިތަކީ ރާއްޖޭގައި ބިނާކޮށްފައިވާ އެންމެ ބޮޑު މިސްކިތްކަމަށާއި، އަދި އެ މިސްކިތް ވެގެންދާނީ ރާއްޖެއާއި ސައުދީގެ އަހުވަންތަ ގުޅުން ރަމްޒުކޮށްދޭ ބިނާއަކަށެވެ.

ހަލީލް ވިދާޅުވީ މިސްކިތުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާއިރު، ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން މިސްކިތް ހުޅުވައިދެއްވުމަށް ރާއްޖެ ވަޑައިގަންނަވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ސަލްމާން މިސްކިތަކީ ސައުދީ ރަސްގެފާނު ސަލްމާންގެ ދީލަތި އެހީފުޅުގެ ދަށުން 25 މިލިއަން ޑޮލަރު ހަރަދުކުރައްވައިގެން ބިނާކޮށްފައިވާ މިސްކިތެކެވެ. މިސްކިތް ހުޅުވުމަށް ތަފާތު ތަރީހްތައް ދެއްވާފައިވާއިރު، މިހާތަނަށް އައިއިރުވެސް މިސްކިތް ހުޅުވިފައެއް ނުވެއެވެ. ނަމަވެސް މިހާރު އަނެއްކާވެސް އެކަމާއި ގުޅޭ މަޝްވަރާތަކެއް ކުރިއަށް އެބަދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން