މަނީ ލޯންޑްރިންގެ ކުށަށް އޮންނަ ޖަލު ހުކުމުގެ އަދަބުގެ އެންމެ ލުއި އަދަބު ދިނުމަށްފަހު ޖޫރިމަނާގެ އެންމެ ބޮޑު އަދަބެއް ރައީސް ޔާމީންގެ މައްޗަށް ކަނޑައެޅީ ކީއްވެތޯ ސްޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ދައުލަތާއި ސުވާލު ކުރައްވައިފިއެވެ.

މަނީ ލޯންޑްރިންގެ ކުށަށް އޮންނަ ޖަލު ހުކުމުގެ އަދަބުގެ އެންމެ ލުއި އަދަބު ދިނުމަށް ފަހު ޖޫރިމަނާގެ އެންމެ ބޮޑު އަދަބެއް ރައީސް ޔާމީންގެ މައްޗަށް ކަނޑައެޅީ ކީއްވެތޯ ސްޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ދައުލަތާއި ސުވާލު ކުރެއްވީ އެމައްސަލައިގައި މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައެވެ. ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ އެންމެ ކުޑަ ޖަލު ހުކުމުގެ އަދަބު ކަނޑައެޅީ އެއީ ޔާމީންގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ ކަމަށެވެ. އަދި ޖޫރިމަނާގެ އެންމެ ބޮޑު އަދަބު ކަނޑައެޅީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހިމެނޭ މައްސަލައަކަށް ވާތީ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އަދި އަދަބު ކަނޑައެޅުމަކީ ފަނޑިޔާރުންގެ އިހްތިޔާރުގައި އޮންނަ ކަމެއް ކަމަށްވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ފަނޑިޔާރު މަހާޒް ވިދާޅުވީ ޖަލު ހުކުމުގެ އެންމެ މަތީ އަދަބު ދެވެން އޮއްވާ އޭގެ އެންމެ ލުއި އަދަބު ކަނޑައެޅުމަށްފަހު ޖޫރިމަނާގެ ބޮޑު އަދަބެއް އައި ގޮތެއް އަދިވެސް ސާފުނުވާ ކަމަށެވެ. އަދި އަދަބު ކަނޑައެޅުމަކީ ފަނޑިޔާރުންގެ އިހްތިޔާރަކަށް ވިޔަސް، އެ ނިންމުން ދައުލަތުން ދިފާއު ކުރާ ނަމަ، އެ ނިންމުން ރަނގަޅުވީ ގޮތެއް ދައުލަތުން ބުނެދޭން ފަނޑިޔާރު މަހާޒް ވަނީ އެދިވަޑައިގެންފައެވެ. ދެން އޮންނަ އަޑުއެހުމެއްގައި އެކަން ސާފުކޮށްދޭން ފަނޑިޔާރުންގެ ބެންޗުން ދައުލަތަށް ވަނީ އަންގަވާފައެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ވަނީ ރައްދު ދީފައެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށާއި އެ ފައިސާއާ މެދު ޝައްކު އުފެދުމުން ފުދޭނެ ކަމަށެވެ. އަދި އެ ފައިސާއާ މެދު ޝައްކު އުފެދުނުކަން ޔާމީނަށް އެނގިވަޑައިގަންނަވާ ކަމަށާއި އެކަން ސާބިތުކޮށްދެވިފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވަނިކޮށް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާކުރި އެއް މިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ފަހު އޭގެ މަންފާ އެމަނިކުފާނު ހޯއްދެވި ކަމަށާއި އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެހެން ނަމަވެސް ރައީސް ޔާމީން ވެރިކަމުގައި ހުންނަވަނިކޮށް، އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެމަނިކުފާނުގެ އެކައުންޓަކަށް، އެސްއޯއެފް ކުންފުނިން ދެ ފަހަރެއްގެ މަތިން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ވަކީލު ވަނީ ފާހަގަކުރައްވާފައެވެ. އެ ފައިސާ ޖަމާވުމުން 36 މަސް ދުވަހުގެ މުއްދަތަށް ރައީސް އަބްދުﷲ ޔާމީން އެ ފައިސާ އިންވެސްޓްކޮށްފައިވާ ކަމަށް ވަކީލު ވިދާޅުވިއެވެ. އެ ފައިސާ އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް ރައީސް ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝާނާ ދެމެދު އެއްބަސްވެފައިވަނީ 2018 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުއެވެ.

ޕާޓީ ހިންގުމަށް ބައެއް އަމިއްލަ ފަރާތްތަކުންނާއި ހެޔޮއެދޭ ފަރާތްތަކުން ފައިސާ ދީފައިވާކަން ރައީސް ޔާމީން މީގެ ކުރިން ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެމުން ދައުލަތުގެ ވަކީލު ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ލިބޭ ފައިސާގެ ތަފްސީލް އެ ޕާޓީތަކުން ބަލަހައްޓަން ޖެހޭ ކަމަށެވެ. އަދި ސިއްރު ފަރާތަކުން ފައިސާ ދޭނަމަ އެކަމެއް، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ އިލެކްޝަންސް ކޮމިޝަނަށް އަންގަން ޖެހޭއިރު އެކަން ރައީސް ޔާމީންގެ ޕާޓީން ކޮށްފައި ނުވާ ކަމަށް ވެސް ދައުލަތުގެ ވަކީލް ވަނީ ވިދާޅުވެފައެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުން ރައްދު ހުށަހެޅުންތައް ނިންމާލުމުން އެކަމަށް ރައީސް ޔާމީންގެ ފަރާތުން ވާހަކަ ދެއްކުންމެވެ. ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ޝަރީއަތަށް ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުއެވެ. އެހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއިދުކޮށްފައެެވެ.



ކިޔުންތެރިންގެ ހިޔާލު