ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ސިޔާސަތުތަށް ވަރުގަދަކުރުމަށް އެތެރޭގެ އިންތިހާބު ވަރަށް މުހިންމު ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ގައުމީ މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލާން ވަރަށް ގިނަ މެމްބަރުން ނިކުންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި މި އިންތިޚާބަކީ އެމްޑީޕީގެ ސިޔާސަތުތައް ވަރުގަދަކުރުމަށް މުހިންމު އިންތިޚާބެއް ކަމަށް ހަސަން ވިދާޅުވިއެވެ.

އެމްޑީޕީއަށް މިހާރު ވަމުންދާ ކަންކަމުން އަރައިގަތުމަށް ވެސް ގިނަ މެމްބަރުން ވޯޓުލާން ނުކުންނާނެ ކަމަށް ހަސަން ވިދާޅުވިއެވެ. ހަސަން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާ އަޅާބަލާއިރު މި އިންތިހާބުގައި ގިނަ އަދަދަކަށް މެމްބަރުން ވޯޓުލާން ނުކުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ނިއްމާފައެވެ. އެ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުން ކުރިއަށް ނުދާނީ ހަމައެކަނި ތ. ގުރައިދޫ ދާއިރާގަ އެވެ. އެ ދާއިރާގައި ވޯޓުލުން ބާއްވާނެ ތާރީހު ފަހުން އިއުލާނު ކުރާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އިންތިހާބުގެ ވޯޓް ނެގުުމުގެ ކުރިން 165 ކެންޑިޑޭޓަކު ހޮވިފައިވާކަމަށް އެމްޑީޕީން ވަނީ އިއުލާންކޮށްފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު މިފަހަރު ބާއްވާއިރު ޕާޓީގެ އެންމެ އިސްލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ވަރަށް ބޮޑަށް ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ. އަދި އެކަމުގެ ނޭދެވޭ އަސަރު ޕާޓީއަށް ވަރަށް ބޮޑަށް ކޮށްފައިވާއިރު ޕާޓީ ދެފެކްޝަނަކަށް ބެހިފައިވާކަމަށް އެޕާޓީގެ އިސް ފަރާތްތަކުން ވެސް ވިދާޅުވެއެވެ.

ރައީސް ޞާލިހާއި މަޖިލިސް ރައީސް ނަޝީދާއި ދެމެދު ޚިޔާލުތަފާތުވުން އުފެދުނީ ވެރިކަމުގެ ބާރުތަކުގެ މައްސަލައިގައެވެ. މައްސަލަ އެންމެ ބޮޑަށް ހޫނުވެގެން ދިޔައީ ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް އެމަނިކުފާނަށް ބޮޑުވަޒީރުކަން ދިނުމަށް ހުށައެޅުއްވި ހުށައެޅުއްވުމަށް ރައީސް ޞާލިހު އެއްބަސްވެ ވަޑައިނުގެންނެވުމެވެ. މިމައްސަލަ ހޫނުވެ ރައީސް ނަޝީދު ވަނީ ރައީސް ޞާލިހާއެކު އޮތް ސިޔާސީ ގުޅުން ކަނޑުއްވާލެއްވިކަން ވެސް އިޢުލާން ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު