އަހުމަދު މަސްނޫމް   24 ސެޕްޓެމްބަރު 2021 - 1:57
މ.މޭވަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ބުނީ ވޭވަށް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.

ވޭވަށު ބަނދަރު ތަރައްގީ ކުރުމުގެ މި މަޝްރޫއުގެ ދަށުން 60،839 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށްފައިވާއިރު، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ވަނީ ޖަހާފައެެވެ. މީގެ އިތުރުން 35 މީޓަރުގެ ސަރަހަައްދެއްގައި ރިވެޓްމަންޓް ޖަހައި، 380 މީޓަރުގެ ސަރަހަައްދެއްގައި އެއްގަމު ތޮށިލާފައިވާއިރު 1880 އަކަމީޓަރުގެ ސަރަހަައްދެއްގައި ޕޭވްމަންޓް ހަދައި 2 ނެރު ބައްތި ޖެހުމުގެ އިތުރުން 19 ބަނދަރު ބައްތި ޖަހާފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި މަޝްރޫއު ޕްލޭނިން މިނިސްޓްރީއިންް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޯގަސްޓް 27 ގައެވެ. 500 ދުވަހުގެ ތެރޭގައި އަޕްގްރޭޑް ކުރުމަށް ހަވާލުކުރި މިމަޝްރޫއަށް 48،863،172.98 (ސާޅީސްއަށް މިލިއަން އަށްލައްކަ ފަސްދޮޅަސްތިންހާސް އެއްސަތޭކަ ހަތްދިހަ ދެރުފިޔާ ނުވަދިހަ އަށްލާރި) ވަނީ ޚަރަދުކޮށްފައެވެ.

ވޭވަށު ކައުންސިލުން ބުނީ ހަގީގަތަކަށް ވެގެންދިޔައީ އެރަށުގެ ރައްޔިތުން ގިނަ ދުވަސްތަކަށް އިންތިޒާރު ކުރި ކަމެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން މިހާރު ލަފާފުރުމުގެ ދަތިކަމަށް ހައްލު ލިބިފައިވާ ކަމަށް އެކައުންސިލުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު