ހުކުރު ޚުތުބާ އިއްވަނީ
ހުކުރު ޚުތުބާ އިއްވަނީ
ތިބާ މަރުވާއިރު މީހުންގެ ދަރަނިތައް އަދާނުކޮށް ހުރުމަކީ ނުރައްކާތެރިކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

އިޤްތިޞާދު ކުރުމަށް ބާރުއަޅައި މިއަދު ދިން ޚުތުބާގައި ބުނެފައިވަނީ, ތިމާއަށް ލިބޭ އެއްޗަކުން ދިރިއުޅުމުގެ ޚަރަދުތައް ފޫނުބެދޭނަމަ ބޭނުންވެއްޖެ ޙާލަތެއްގައި ތިމާގެ ބޭނުންތައް ފުއްދުމަށްޓަކައި ދަރަންޏަށް ފައިސާ ނެގުމަކީ ހުއްދަ ކަމެއް ކަމަށެވެ. އެހެންނަމަވެސް ދަރަނި އަދާކުރުމަށް އަވަސްވެގަންނަން ޖެހޭކަމަށާއި, އިންސާނުންގެ ދިރިއުޅުމަކީ އޭގެ މިންވަރު ކަނޑައެޅިފައިވާ އެއްޗެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

މިދުނިޔޭގައި އުޅެން އޮތް ދުވަސްތަކަކީ މަދު ދުވަސްތަކެއް ކަމަށާއި, އެ މުއްދަތު ހަމަވުމުން އެންމެ ހިނދުކޮޅަކަށް ވެސް ލަހެއްފަހެއް ނުވާނެކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އެހެންކަމުން އަބަދުވެސް ހުންނަށް ޖެހޭނީ މީހުންގެ ޙައްޤުތައް އަދާކޮށް، މީހުންގެ ދަރަނިތައް އަދާކޮށްގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

"ތިބާ މަރުވާ އިރު މީހުންގެ ދަރަނިތައް އަދާނުކޮށް ހުރުމަކީ ނުރައްކާތެރި ކަމެކެވެ. ނުބައިކަން ބޮޑު ކަމެކެވެ. މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައި ވެއެވެ. މުއުމިނު އަޅާ އޭނާގެ ދަރަނި އަދާކޮށްފުމަށް ދާންދެން އޭނާގެ ފުރާނަ ވަނީ އެލުވިގެންނެވެ." މީހަކު ނިޔާވާއިރު ދަރަންޏެއް އޮތުމުގެ ނުރައްކާތެރިކަން ބަޔާންކޮށް ޚުތުބާގައި ބުނެފައިވެއެވެ.

މިއަދުގެ ޚުތުބާގައި އިތުރަށް ބުނެފައިވަނީ, އިޤްތިޞާދުކޮށް ލިބޭ އެއްޗަކުން ފުއްދައިގެން ޚަރަދު ކުރުމަކީ އިސްލާމީ އިޤްތިޞާދުގެ މުހިއްމު އަސާސެއް ކަމަށެވެ. އިޤްތިޞާދުކުރުމަކީ، ޚަރަދުކުރުމުގައި މެދުމިންވަރަކަށް ޢަމަލުކުރުން ކަމަށާއި, މިއަދުގެ ދުނިޔޭގައި ވެސް، ކުރިއަރާފައިވާ ބޮޑެތި ޤައުމުތައް ކުރިއަރާފައި ވަނީ، އުފެއްދުންތެރިކަމާއި އިޤްތިޞާދުކުރުމަކީ، އެންމެ މުހިއްމު އަސާސްކަމުގައި ބަލައިގެން، މަސައްކަތްކުރުމުގެ ސަބަބުން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

އަދި މިއީ މީގެ އެތައް ޤަރުނެއްގެ ކުރިން، އިސްލާމްދީން އިޤްތިޞާދު ކުރުމަށް ގޮވާލާފައިވާކަން ޚުތުބާގައި ހަނދާންކޮށްދީފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން