އެމްޑީޕީގެ ތެރޭގައި ފައިތައް ގަދަކުރަން އުޅޭ "ބޯވަތަކަށް" ޖާގަ ނުދެއްވުމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، ވައްޑެ ގޮވާލައްވައިފިއެވެ.

ދެ ފެކްޝަނަށް ބެހިފައިވާ ރައީސް ނަޝީދުގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ ވައްޑެ މިހެން ވިދާޅުވެފައި މިވަނީ، އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން މާދަމާ ފެށެން ކައިރިވެފައިވަނިކޮށެވެ. ނަމަވެސް ވައްޑެ ކަނޑައެޅިގެން އެވާހަކަ ނިސްބަތް ކުރަށްވަނީ ކޮން ބަޔަކަށް އިޝާރާތް ކުރަށްވާފައި ކަމެއް ވިދާޅެއް ނުވެއެވެ.

މެމްބަރު ވައްޑެ ވިދާޅުވީ އެމްޑީޕީ އުފެދުނުތާ 16 އަހަރު ފަހުން އަނެއްކާވެސް "ބިރު ފަހަނައަޅާ ދިޔުމަށް" ގޮވަންޖެހިފައިވާކަމަށެވެ. އަދި ވަޒީފާގެ ބިރު ދައްކައިގެން ވޯޓް ހޯދައި، އެމްޑީޕީގެ މުޅި ފަލްސަފާ ނެތިކޮށްލަން ނުކުމެ އުޅޭ މީހުންނަށް ފާޅުގައި "ނޫނެކޭ" ބުނަންޖެހޭކަމަށްވެސް ވައްޑެ ވިދާޅުވިއެވެ. މީގެއިތުރުން އެމްޑީޕީގެ ތެރޭގައި ފައިތައް ގަދަކުރަން އުޅޭ "ބޯވަތަކަށް" ޖާގަނުދެއްވުމަށްވެސް ވައްޑެ ގޮވާލެއްވިއެވެ.

ވައްޑެގެ މިވާހަކައިން ބޮޑަށް ދޭހަވަނީ އޭނާ އެ އިޝާރާތް ކުރަށްވަނީ ރައީސް ޞާލިހުގެ ފެކްޝަންގެ ފަރާތްތަކަށް ކަމަށެވެ.



ވައްޑެ ވިދާޅުވީ މިވެރިކަން ގެނައުމަށް ވީ އެންމެބޮޑު އަނެއް ވަޢުދަކީ ވަޒީފާގެ ބިރުދެއްކުން ހުއްޓުވުންކަމަށެވެ. ނަމަވެސް އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް، ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ކުންފުނިތަކުގެ ވެރިން ވަރަށް ހުތުރުކޮށް މިބިރު އަލުން އެބަފަތުރާކަމަށް ވައްޑެ ވިދާޅުވިއެވެ. އަދި މާދަމާ ނަގާ ވޯޓުގައި އެމްޑީޕީ ސާފުކުރަން ވޯޓުދެއްވުމަށްވެސް ވައްޑެ އެދިވަޑައިގަތެވެ.



އެމްޑީޕީގެ އިންތިޚާބަށް ބައެއް ފަރާތްތަކުން ނުފޫޒުފޯރުވާ ކަމަށް ވައްޑެ ތުހުމަތު ކުރެއްވިއިރި މި އިންތިޚާބަށް އެންމެ ބޮޑު ނުފޫޒެއް ފޯރުއްވައި ފާޅުގައި ވަކި ގޮތަކަށް ވޯޓު ދިނުމަށް ގޮވާލައްވާފައި ވަނީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ. ރައީސް ނަޝީދު ވަނީ އެމަނިކުފާނު ތައީދު ކުރަށްވާނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެންޑިޑޭޓުންނަށް ކަމަށް ވިދާޅުވެ އެފަދަ މެންބަރުންނަށް އެކަނި ވޯޓު ދިނުމަށް ގޮވާލައްވާފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުން މާދަމާ އޮންނައިރު ވޯޓުލުމުގެ ހައްގު ލިބިފައިވާ 93،000 އަށް ވުރެ ގިނަ މެންބަރުން އެބަތިއްބެވެ. އަދި އެކި ދާއިރާތަކަށް 733 ކެންޑިޑޭޓުން ވާދަކުރެއެވެ. މިއިންތިޚާބު ފާހަގަވެފައިވަނީ އެމްޑީޕީގެ ތެރޭގައި ރައީސް ސާލިހުއާއި ރައީސް ނަޝީދުގެ ބާރު އޮތް މިންވަރު ދައްކުވައިދޭނެ އިންތިޚާބަކަށްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު