އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށާއި އެމަނިކުފާނު ނޫން އެހެން ބޭފުޅަކު ވެރިކަމަށް ގެނައުމުގެ ވިސްނުން ލީޑަރޝިޕުން ނުގެންގުޅޭ ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާ އަކުން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ ވިދާޅުވީ، ރައީސް ޔާމިން ނޫން ބޭފުޅަކު ވެރިކަމަށް ގެނައުމުގެ ވިސްނުމެއް ލީޑަރޝިޕުން ނުގެންގުޅޭ ކަމަށެވެ. އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ ހާލަތެއް އަތުވެދާނެ ކަމަށް ވިސްނަންވެސް ބޭނުންނުވާ ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ. ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުންވާ ތައުލީމީ ގާބިލް ބޭފުޅުން ދެ ޕާޓީގައިވެސް ތިއްބެވި ކަމަށާއި އެއިން ކޮންމެ ބޭފުޅެއްގެވެސް "ފަސްޓް"އަކީ ރައީސް ޔާމީން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެބޭފުޅުން ކުރިއަށްދާން ބޭނުންވަނީ ރައީސް ޔާމިނާއެކު ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އެ ބޭފުޅުންގެވެސް އުންމީދު އޮވެދާނެ މިހާރު ތިއްބެވި މަގާމަށްވުރެ މަތީ މަގާމަކަށް ވަޑައިގަތުމަށް. އެކަމަކު އެ ބޭފުޅުންގެ އެ އުންމީދު އޮންނާނީ ރައީސް ޔާމީނާއެކު އެ މަގާމުތަކަށް ވަޑައިގަތުމަށް. ރައީސް ޔާމީންގެ ފަހަތްޕުޅުން އެ ބޭފުޅުން ވަޑައިގަންނަވާނީ. އެ ޔަގީންކަން އެބައޮތް. އަޅުގަނޑުމެންގެ ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕްގެ ތެރޭގައި ނެތް ރައީސް ޔާމީން ނޫން އެހެން ބޭފުޅެއް ވެރިކަމަށް ގެނައުމުގެ ވިސްނުމެއް." ޕީޕީއެމާއި ޕީއެންސީގައި އިދިކޮޅުގެ ރިޔާސީ ޓިކެޓްގެ އުންމީދުގައި ތިއްބެވި ބޭފުޅުން ތިބި ކަމަށް ދެކެވޭ ވާހަކަތަކާއި އިޝާރަތް ކުރައްވަމުން އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އަބުދުއްރަހީމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމާއެކު ސިޔާސީ ދައުވާތަކަށް ނިމުން އަންނާނެ ކަމަށެވެ. އަދި ސްޕްރީމް ކޯޓުން ރައީސް ޔާމިން މިނިވަންވާނެ ކަމަށާއި، ދެން އޮންނަ އިންތިހާބެއް ރައީސް ޔާމިން ވާދަކުރައްވައި އެމަނިކުފާނު އިންތިޚާބު ނަންގަވާނީވެސް އެއްބުރުން ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ. އަދި ރައީސް ޔާމިން ފިޔަވައި ރާއްޖެ މިހާރު އޮތް ހާލަތުން ރާއްޖެ ސަލާމަތް ކުރެވޭނެ ލީޑަރެއް ނެތް ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން