ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ އެކައުންޓަށް އެސްއޯފުން ޖަމާވީ ވޮޑަމުލާގެ ފައިސާކަން ސާބިތުވެގެން މެނުވީ މަނީ ލޯންޑަރިންގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތު ނުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިނަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުކުރުމަށް، އެފައިސާއަކީ ސީދާ ވޮޑަމުލާގެ ފައިސާކަން ސާބިތުކޮށްދޭން ނުޖެހޭ ކަމަށް ދައުލަތުން ސްޕްރީމް ކޯޓުގައި ވަނީ ބުނެފައެވެ. ދައުލަތުގެ އެވާހަކަ ތަކަށް ރައްދު ދެއްވަމުން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ރައީސް ޔާމީނަށް ޖަމާވީ ވޮޑަމުލާގެ ފައިސާކަން ސާބިތުވެގެން މެނުވީ އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެކުށް ސާބިތު ނުވާނެކަމަށެވެ. ސަބަބަކީ އެ ކުށުގެ ޤާނޫނީ ސްޓްރަކްޗަރ ބިނާވެގެންވަނީ އެކުށް ތަޖްރީމް ކުރެވިފައިވާ ޤާނޫނީ ނައްޞުތަކުގެ މައްޗަށް ކަމުގައިވާއިރު، މަނީ ލޯންޑަރިންގގެ ކުށުގެ އެންމެހައި ރުކުންތަކާއި ޢުންޞުރުތައް އެ ކުށުގައި ފުރިހަމަވުން ލާޒިމުވެގެންވާކަމަށް ޑރ. އަހުމަދު ވިދާޅުވިއެވެ.

އެގޮތުން، އެކުށުގައި ފުރިހަމަވުން ލާޒިމުވެގެންވާ މާއްދީ ރުކުނާއި މަޢުނަވީ ރުކުނުގެ އިތުރުން އެކުށުގައި "އިފްތިރާޟީ" ރުކުނެއް ވެސް ފުރިހަމަ ވާންޖެހޭނެ ކަމަށާއި، އެ ރުކުނަކީ ލޯންޑަރ ކުރެވޭ މުދާ ނުވަތަ ފައިސާގެ މަޞްދަރަކީ ކުށުގެ ޢަމަލެއް ކަމަށް ވުން ކަމަށް ޑރ. އަހުމަދު ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާޔަކީ ގއ. ވޮޑަމުލާ ކުށްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާކަމުގައި ދައުލަތުން ދަޢުވާކުރާނަމަ، އެ ކަން ސާބިތު ކުރުމުގެ އިތުރުން އެ ފައިސާޔަކީ ޤާނޫނު ނަންބަރު 10/2014 ގެ 7 ވަނަ މާއްދާއާ ޙަވާލާދީ ކޮން ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާއެއް ކަން ވެސް ސާބިތުކޮށް ދިނުމަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް. އެކަން ސާބިތު ނުވާނަމަ ޙަވާލާދެވޭ ދަޢުވާއަކީ ޢުންޞުރު ފުރިހަމަ ނުވާ ދަޢުވާއެއް." ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބުދު ﷲ ދީދީ ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ ކުށް ބަޔާންކުރާ ގާނޫނުގައި ބުނެފައިވަނީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން އެނގި ހުރެ ނުވަތަ ކުށް ކޮށްގެން ހޯދާފައިވާކަން އެކަށީގެންވާ ވަރަށް ޝައްކު ކުރެވޭ ހާލަތުގައި އެ ފައިސާ އަތުގައި ބެހެއްޓުމަކީ ކުށެއް ކަމަށެވެ. ސްޕްރީމް ކޯޓުގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށާއި އެ ފައިސާއާ މެދު ޝައްކު އުފެދުމުން ފުދޭނެ ކަމަށެވެ. އަދި އެ ފައިސާއާ މެދު ޝައްކު އުފެދުނުކަން ޔާމީނަށް އެނގިވަޑައިގަންނަވާ ކަމަށާއި އެކަން ސާބިތުކޮށްދެވިފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވަނިކޮށް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާކުރި އެއްމިލިއަން ޑޮލަރު އިންވެސްޓް ކުރުމަށްފަހު އޭގެ މަންފާ އެމަނިކުފާނު ހޯއްދެވި ކަމަށާއި އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެހެން ނަމަވެސް ރައީސް ޔާމީން ވެރިކަމުގައި ހުންނަވަނިކޮށް، އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެމަނިކުފާނުގެ އެކައުންޓަކަށް، އެސްއޯއެފް ކުންފުނިން ދެ ފަހަރެއްގެ މަތިން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ވަކީލު ވަނީ ފާހަގަކުރައްވާފައެވެ. އެ ފައިސާ ޖަމާވުމުން 36 މަސް ދުވަހުގެ މުއްދަތަށް ރައީސް އަބްދުﷲ ޔާމީން އެ ފައިސާ އިންވެސްޓްކޮށްފައިވާ ކަމަށް ވަކީލު ވިދާޅުވިއެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ޝަރީއަތަށް ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުއެވެ. އެހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއިދުކޮށްފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން