ބަރުލަމާނީ ނިޒާމަށް ތާއިދުކުރަނީ ކުރުމަގަކުން ވެރިކަން ހޯދަން ބޭނުންވާ މީހުންކަމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މާދަމާ ބާއްވާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި އެމަނިކުފާނު ތާއިދު ކުރައްވަނީ ބަރުލަމާނީ ނިޒާމަށް ތާއިދު ކުރައްވާ ކެންޑިޑޭޓުންނަށް ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވަނީ ހާމަކުރައްވާފައެވެ. މާދަމާގެ އިންތިޚާބުގައި ރައީސް ނަޝީދުގެ ފެކްޝަނުން ބަރުލަމާނީ ނިޒާމަށް ތާއިދުކުރާ ކެންޑިޑޭޓުން ހޮވަން ފާޅުގައި ދަނީ ކެމްޕޭންވެސް ކުރަމުންނެެވެ.

އެކަމާ ގުޅިގެން މަޝްހޫރު ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު ވިދާޅުވީ، ބަރުލަމާނީ އަކީ ރާއްޖޭގެ ރައްޔިތުންގެ ވިސްނުމެއް ނޫން ކަމަށެެވެ. ބަރުލަމާނީ ނިޒާމް ޕްރޮމޯޓްކުރަނީ ރައްޔިތުންގެ ތާއިދާއެކު ވެރިކަމަށް ނާދެވޭނެކަން ޔަގީންވުމުން ވެރިކަން ހޯދަން އޮތް ޝޯޓް ކަޓެއްގެ ގޮތުގައި ކަމަށް މިސަރުކާރު ވެރިކަމަށް ގެންނަން މަސައްކަތް ކުރެއްވި ޒައިދު ވިދާޅުވިއެވެ.

"އެއީ ކޮންމެހެން ގައުމަށް ހެއު އެދިގެނެއް ނޫން، މީ އަސްލު މި ވާގޮތަކީ." ބަރުލަމާނީ ނިޒާމް ގެންނަން ކުރާ މަސައްކަތަކީ ވަކި މީހަކު ވެރިކަމަށް ގެނައުމަށް ކުރާ ކަމެއްކަން ފާހަގަކުރައްވަމުން ޒައިދު ވިދާޅުވިއެވެ.

މާދާމާ ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ލީޑަޝިޕްގެ ބޭފުޅުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުންވެސް ވަނީ އުފެދިފައެވެ. ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ އިންތިޚާބަށް ކެންޑިޑޭޓުންވެސް ނެރެފައިވަނީ ދެ ލީޑަރުންނަށް ތާއީދު ކުރައްވާ ބޭފުޅުން ދެ ފެކްޝަނެއްގެ ގޮތުގައި ވަކިންނެވެ. މާދަމާގެ އިންތިޚާބަކީ އެމްޑީޕީއަށް އަންނާނެ އެންމެ ވާދަވެރި އިންތިޚާބު ކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދުގެ ފެކްޝަނުން ބަރުލަމާނީއަށް ތާއިދު ކުރާ ކެންޑިޑޭޓުން ހޮވަން މަސައްކަތް ކުރާއިރު އެ ފެކްޝަނުން މިހާރު ވަނީ ބަރުލަމާނީ ނިޒާމް ގެންނަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރުމުގެ ހަރަކާތެއް ވެސް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން