ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޔުނައިޓެޑް ނޭޝަންސް އިންސްޓިޓިއުޓް ފޯރ ޓްރެއިނިނގް އެންޑް ރިސާޗް (ޔުނިޓާރ)ގެ ނިއުޔޯކް އޮފީހުގެ ހެޑް، ހިޒް އެކްސެލަންސީ މާރކޯ ސުއާޒޯއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި، ރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޛާ ޙުސައިން އަދި، ގްލޯބަލް ފައުންޑޭޝަން ފޯރ ޕަރފޯމިންގ އާރޓްސް (ޖީ.އެފް.ޕީ.އޭ.)ގެ އެގްޒެކެޓިވް ޑިރެކްޓަރ މިސް ލޫސިއާ ޖޭ. ގުއޯ އާއި، ޖީ.އެފް.ޕީ.އޭ.ގެ އާރޓިސްޓް ރޮސްޓަރގައި ހިމެނޭ ޕިއަނިސްޓެއް ކަމަށްވާ މިސްޓަރ ބައިރޮން ޒޫއޮ ބައިވެރިވެވަޑައިގަތެވެ.

އެމެރިކާގެ ނިއުޔޯކުގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައި ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު މަޝްވަރާތައް އަމާޒުކޮށްފައިވަނީ ރާއްޖޭގައި މިއުޒިކް އާރޓް ތެރަޕީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޔުނިޓާރ އާއި ޖީ.އެފް.ޕީ.އޭ.ގެ ފަރާތުން އެކަމަނާއަށް ވަގުތުކޮޅެއް ހުސްކޮށްދެއްވީތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައި، ޔޫ.އެން.ޖީ.އޭ ކުރިޔަށްދާއިރު އެކަމަނާ ނިއުޔޯކަށް ކުރެއްވި މިދަތުރުފުޅަކީ މިފަދަ ފައިދާހުރި އައު ޕާރޓްނަރޝިޕް ފުރުޞަތުތައް ފަހިވެގެންދިޔަ ކަމެއްކަން ފާހަގަކުރައްވާފައެވެ. އެ ކަމަނާ ވަނީ އެކަމަނާއަކީ ވެސް ތައުލީމީ ދާއިރާއިން ވަޑައިގެންނެވި ބޭފުޅެއްކަން ފާހަގަކުރައްވަމުން، ތަޢުލީމު ދިނުމުގެ ތެރޭގައި އާރޓް އަދި މިއުޒިކް ބޭނުންކުރުމަކީ ވަރަށް ޝައުޤުވެރިވެވަޑައިގަންނަވާ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ޔުނިޓާރ އާއި ޖީ.އެފް.ޕީ.އޭ އާ ގުޅިގެން ރާއްޖޭގެ ޓީޗަރުންނަށް އާރޓް ތެރަޕީގެ ތަމްރީނުތައް ހިންގަން ފެށުމަށް އޮތް ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި މަޢުލޫމާތު ހޯއްދެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޔުނިޓާރ އާއި ޖީ.އެފް.ޕީ.އޭ.ގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ އާރޓް އަދި މިއުޒިކަކީ ޢިލްމީ ކަންކަމާއި ޞިއްޙީ ދުޅަހެޔޮކަމަށް އެތައް ފައިދާތަކެއް ލިއްބައިދޭ އެއްޗެއްކަން ފާހަގަކުރައްވައި، ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ޔުނިވަރސިޓީތައް ކަމުގައިވާ ހާވަރޑް ޔުނިވަރސިޓީއާއި މަސަޗޫސެޓްސް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ ފަދަ ޔުނިވަރސިޓީތަކާ ބައިވެރިވެގެން ކުރިޔަށްގެންދާ މިފަދަ ބައެއް އޮންލައިން ކޯސްތަކާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އަދި ސްކޫލް ކުދިންނަށް އާރޓް އެންޑް މިއުޒިކް ތެރަޕީ ފޯރުކޮށްދިނުމަށް ޓްރެއިން-ދަ-ޓްރެއިންނަރ އުސޫލުން ރާއްޖޭގެ ޓީޗަރުންނަށް އަމާޒުކޮށް، ސެޝަންތަކެއް ކުރިޔަށް ގެންގޮސްދިނުމަށް ތައްޔާރަށް ތިއްބެވިކަންވެސް އެބޭފުޅުން ވަނީ ފާހަގަ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ދައުލަތުގެ އެހީތެރިކަމުގެ ދަށުގައި ތިބޭ ކުޑަކުދިންނަށް އާރޓް އަދި މިއުޒިކް ތެރެޕީ ސެޝަން ހިންގައިދިނުމަށް ރާއްޖެއާއެކު މަސައްކަތް ކުރުމަށް ޔުނިޓާރ އަދި ޖީ.އެފް.ޕީ.އޭ އަށް ހުށަހަޅުއްވާފައެވެ. އަދި ޔުނިޓާރ އަދި ޖީ.އެފް.ޕީ.އޭ. ގެ ބޭފުޅުން ވަނީ ރާއްޖޭގައި ދައުލަތުގެ އެހީތެރިކަމުގައި ތިބޭ ކުޑަކުދިންނަށް ޚާއްޞަކޮށް އެފަދަ ޕްރޮގްރާމެއް ފަރުމާކޮށް ހިންގުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއެކު ވީ އެންމެ އަވަހަކަށް މަޝްވަރާތައް ފެއްޓެވުމަށް އެއްބަސްވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ފަރާތްތަކުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ގޮތަށް ކުރަންޖޭހޭ މަސައްކަތްތައް ކުރިޔަށްގެންދެވާނެކަމުގައި ފާހަގަކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން