އަހުމަދު މަސްނޫމް   25 ސެޕްޓެމްބަރު 2021 - 16:37
އެމްޑީޕީ ދާއިރާތަކުގެ އިންތިހާބުގެ އިންތިޒާމްތައް ވަރަށް ދޯދިޔާކަމަށް އެ އިންތިހާބުގައި މާލެ ދާއިރާގެ ރައީސްކަމަށް ވާދަކުރައްވާ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓި އެމްޑީޕީގެ ޤައުމީ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން މުޅި ރާއްޖޭގައި މިއަދު ފަށައިގެން ކުރިއަށް އެބަދެއެވެ. ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 9:00 ގައެވެ. 700 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަ ކުރާ މި އިންތިޚާބުގައި 455 މަޤާމަކަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.

އިންތިހާބުގައި އެންމެ ވާދަވެރި އެއް ދާއިރާކަމަށްވާ މާލެ ދާއިރާގެ ރައީސްކަމަށް ވާދަކުރައްވާ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އިންތިހާބުގައި ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ ވަރަށް ދޯދިޔާކޮށް ކަމަށެވެ. އެގޮތުން ގިނަ ފޮށިތައް ކައިރީގައި ހުރީ އެންމެ އޮފިޝަލެއްކަމަށާއި، ބައެއް ފޮށިތަކުގައި ނަމްބަރު ވެސް ނެތްކަމަށް އަކްރަމް ވިދާޅުވިއެވެ.



މި އިންތިހާބުގައި މިހާތަނަށް އިންތިޚާބަކާ ނުލައި 165 ކެންޑިޑޭޓުންނަށް ވަނީ މަޤާމުތައް ކަށަވަރުވެފައެވެ. 92 ހާހަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މި އިންތިޚާބުގައި އެމްޑީޕީގެ ދެ ފެކްޝަންގެ ފަރާތުން ދަނީ ކެންޑިޑޭޓުން ވާދަކުރަމުންނެވެ.

މިއަދުގެ ވޯޓުނެގުން ހަވީރު ފަހެއް ޖަހަންދެން ކުރިޔަށްދާއިރު, އިންތިޚާބީ ޝަކުވާ ހުށައެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން