ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވާދަކުރެއްވި މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމާއި ލ ގަން ދާއިރާގެ ރައީސް ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އިންތިޚާބުވެވަޑައިގެންފިއެވެ.

މިއަދު ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވާދަކުރެއްވި މެދު އުތުރު ޕްރޮވިންސް ރައީސްކަން ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. މަހުލޫފަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވީ އެންމެ ފަހުވަގުތު އެވެ. އޭނާއަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމާފައިވަނިކޮށް އެފުރުސަތު ހޯއްދެވީ ޕާޓީ ތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ، އިލެކްޝަންސް ކޮމިޝަނަށް ވެސް ޝަކުވާ ހުށައަޅުއްވައިގެންނެވެ.

އިކޮންމިކް މިނިސްޓަރުފައްޔާޒް އިސްމާއިލް އިންތިހާބު ކާމިޔާބު ކުރެއްވީ އެ ދާއިރާއަށް ވާދަކުރެއްވި ޢަލީ އިބްރާހީމާއި އިސްމާއިލް ޒަކީއާ ވާދަކުރައްވައިގެންނެެވެ. ފައްޔާޒު ވެސް އިންތިޚާބު ކާމިޔާބު ކުރެއްވީ ބޮޑު އަޣްލަބިއްޔަތަކުންނެވެ. މީގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާދަކުރެއްވި މެދު ދެކުނު ޕްރޮވިސްގެ ރައީސް ކަމުގެ ގޮނޑިވެސް ވަނީ ކަށަވަރު ކުރައްވާފައެެވެ.

އެތެރޭގެ އިންތިހާބުގައި އަލިފުށީ ދާއިރާގެ ރައީސްކަން އެ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ ކާމިޔާބު ކުރައްވާފައެވެ. ބިގޭ އެ ގޮނޑި ކާމިޔާބު ކުރެއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުހައްމަދު (ހަސަންޓޭ) ބަލިކުރުމަށްފަހުއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގިނަ ނަތީޖާ ތަކެއް މިހާތަނަށް ވަނީ އިއުލާންކޮށްފައެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 9.00 އިން ފެށިގެން 5.00 އާ ހަމައަށެވެ. މާލޭގައި ވޯޓުލުމަށް 15 ސުކޫލާއި ސޯޝަލް ސެންޓަރުގައި އިންތިޚާބީ މަރުކަޒުތައް ޤާއިމުކޮށް ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

ޤައުމީ މަޖިލީހުގެ 455 މަޤާމަށް 733 ކެނޑިޑޭޓުން ވަނީ ވާދަކޮށްފައެެވެ. ގިނަ މަޤާމުތަކަށް ނަޝީދުގެ ފެކްޝަނުންނާއި ރައީސް ޞާލިޙުގެ ފެކްޝަނުންވެސް ކެނޑިޑޭޓުން ކުރިމަތިލީ ވަކިވަކިން ވަރަށް ބޮޑު ވާދަވެރިކަމެއްގެ ތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު