ރާއްޖެއިން ބޭރުގައި ތަމްރީނު ފުރިހަމަކުރަމުންދަނިކޮށް މިއަދުގެ މެންދުރުގެ ވަގުތެއްގައި ނިޔާވި ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމް ނިޔާވީ ދުވުމެއް ފުރިހަމަކުރަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފިއެވެ.

އެމްއެންޑީއެފުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުލްތާން ފުރިހަމަ ކުރަމުން އައީ ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށް ގެންދިޔަ 145 ވަނަ އޮފިސަރ ކެޑޭޓް ކޯސް ކަމަށެވެ.

ސުލްތާން މަރުވެފައިވަނީ ނޭޝަނަލް ޑިފެންސް އެކެޑެމީގެ، ކޭމްޕް ގްރީންހޯންގައި މިއަދު އޮތް އެންޝިއުރެންސް ދުވުމެއް ފުރިހަމަ ކުރަމުންދަނިކޮށް ކަމަށާއި ދުވުމުގެ ތެރެއިން ސުލްތާން ވެއްޓުމާއެކު އޭނާ އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެެ. ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް ސުލްތާން މަރުވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމް ސިފައިންގެ ހިދުމަތާ ގުޅިފައިވަނީ 2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ އަށް ވަނަ ދުވަހުއެވެ. ތިން އަހަރު ދުވަހުގެ ކޯހަކަށް އިންޑިއާއަށް ދިއުމުގެ ކުރިން ސުލްތާން މަސައްކަތް ކުރަމުން އައީ އިންޓަގްރޭޓެޑް ހެޑްކުއާޓާޒްގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ސުލްތާންގެ ހަށިގަނޑު މާލެ ގެނައުމަށް ކުރަން ޖެހޭ މަސައްކަތް އެމްއެންޑީއެފުން މިހާރު އަންނަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު