އަހުމަދު މަސްނޫމް   26 ސެޕްޓެމްބަރު 2021 - 5:5
ވިލާ ކޮލެޖުން 1،400 އަށްވުރެ ގިނަ ދަރިވަރުން މި އަހަރު ދަސްވެނިވެ ސަނަދު ހާސިލްކޮށްފިއެވެ.

ކޮވިޑް-19ގެ ޙާލަތުގެ ސަބަބުން ވޭތުވެދިޔަ އަހަރުގެ ދަސްވެނިންނަށް ރަސްމިއްޔާތެެއް ބޭއްވިފައިނުވާތީ މިއަހަރު ވަނީ 2020 އާއެކު 2021 ގެ ދަރިވަރުންވެސް ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. އެގޮތުން މުޅި ޖުމްލަ 1459 ދަރިވަރުން މި ޙަފްލާގައި ދަސްވެނިވެފައިވާއިރު، މީގެ ތެރެއިން 858 ދަރިވަރުންނަކީ 2020 ވަނަ އަހަރުގެ ދަސްވެނިންނެވެ. އަދި 601 ދަރިވަރުންނަކީ 2021 ވަނަ އަހަރުގެ ދަސްވެނިންނެވެ.

ވިލާ ކޮލެޖުން ބުނީ މި ޙަފްލާތަކުގައި ދަސްވެނިވެފައިވަނީ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓް، ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒް، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އަދި ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ދަރިވަރުން ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ އެފެކަލްޓީތަކުގެ ތަފާތު 24 ކޯހަކުން ދަސްވެނިވެފައިވާ ދަރިވަރުންނެވެ. ވިލާ ކޮލެޖުން ދަސްވެނިވި 20 އިންސައްތައަކީ ވިލާ ކޮލެޖުގެ އަތޮޅުތެރޭގެ އެކި ކެމްޕަސްތަކުން ދަސްވެނިވެފައިވާ ދަރިވަރުން ކަމަށް އެ ކޮލެޖުން ވަނީ ބުނެފައެވެ.

ވިލާ ކޮލެޖުން މަތީ ތައުލީމު ހާސިލްކުރި ދަރިވަރުންގެ ތެރެއިން 2021 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިލާ ކޮލެޖްގެ ބާނީ ގާސިމް އިބްރާހީމް ވިދާޅުވީ މީހުން ބިނާކުރުމަށް ކުރަމުން ގެންދަވާ މަސައްކަތުން މިހާތަނަށް 13،500 އަށް ވުރެ ގިނަ ދަރިވަރުން ވިލާ ކޮލެޖުން ތައުލީމު ހާސިލްކޮށް ދަސްވެނިމިފައިވާ ކަަމީ ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއް ކަމަށެވެ. އެގޮތުން ތައުލީމީ، ސިއްހީ، ވިޔަފާރި، ޝަރީއާ އެންޑް ލޯ، ކޮމްޕިއުޓަރ ސައިންސް، ޓުއަރިޒަމް، އިންޖިނިއަރިންގ ފަދަ ގިނަ ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ވިލާ ކޮލެޖުން ތަނަވަސްކޮށްދީފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެެވެ.

އަދި ރާއްޖެއާއި ޔޫ.އެން އާއި އެފަދަ ބައިނަލްއަގްވާމީ އެކި އެކި ދާއިރާތަކަށް ވިލާ ކޮލެޖުން އިލްމީ ދިރާސާތައް ކޮށްދީފައިވާ ކަމަށާއި، ބައިނަލްއަގްވާމީ ކޮންފަރެންސްތައް އިންތިޒާމްކޮށް ހިންގާ އިލްމީ ޖާނަލްތައް ޝާއިއުކޮށްފައިވާ ކަމަށް ތައުލީމަށް ބޮޑު ހޭދަ އެއްް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ މިންގަނޑުތަކާއި ހަމަތަކަށް ފެތޭގޮތަށް ފެންވަރު ރަނގަޅު މަތީ ތައުލީމާއި ތަމްރީނާއެކު، ތަފާތު 8 ދާއިރާއަކުން 117 ޕްރޮގްރާމެއް އުފައްދައި ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު އެ ކޮލެޖުން ފަހިކޮށްދީފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

މާލެއި ހުޅުމާލޭގެ އިތުރުން ވިލާ ކޮލެޖުގެ ކެމްޕަސް ހުންނަނީ ށ. ފުނަދޫ، ޅ. ނައިފަރު، އދ. މަހިބަދޫ، ލ. ގަމު އަދި ސ. ހިތަދޫގައެވެ.



ކިޔުންތެރިންގެ ހިޔާލު