ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލާފަކޮށްފައިވާތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ ކަނޑުދަތުރުކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ދަތުރަށް ފެށުމުގެ ކުރިން ޔަގީންކުރަންޖެހޭކަމަށެވެ. އަދި މުވާސަލާތު ކުރުމަށް ބޭނުންކުރާ ރޭޑިއޯ ސެޓުފަދަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ޔަގީންކުރުމަށްފަހު ނޫނީ ދަތުރު ނުފެށުމަށްވެސް ފުލުހުން އިލްތިމާސްކުރެއެވެ.

ފުލުހުން ވަނީ މުދާ އުފުލާ އުޅަނދުފަހަރު ބަރު ކުރުމުގައި ހުއްދަ ދެވިފައިވާ މިންގަނޑަށްވުރެ ބަރު ނުކުރުމަށާއި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ. އަދި ފަޅުގައި އުޅަނދުފަހަރު އެޅުމުގައި ރައްކާތެރިކަން ކަށަވަރުކުރުމާއި ނަގިލި ކަހާލުންފަދަ ކަމެއް ދިމާވެދާނެ ކަމަށްޓައި ސަމާލުވެ، ރަނގަޅަށް ބެލެހެއްޓުމަށްވެސް ފުލުހުން އިލްތިމާސްކުރެއެވެ.

މީގެއިތުރުން ވައިގަދަވެގެންދާ ވަގުތުތަކުގައި، އުސް އިމާރާތްތަކުގެ ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުމަށާއި ބެލްކަނި އަދި ޓެރެސްގައި ހުންނަ ގަސްމުށި ފަދަތަކެތި ބިންމައްޗަށް ނުވެއްޓޭނެހެން ރައްކާތެރިކަމާއެކު ބެހެއްޓުމާއި ވަޔާ އެއްލައިލަފާނެ ފަދަ ތަކެތި އެއްލައި ނުލާނޭހެން ބަނދެ ރައްކާތެރިކޮށްފައި ބެހެއްޓުމަށް ސަމާލުވުމަށް ފުލުހުން އެދިފައި ވެއެވެ. އަދި ބޭނުންނުކުރާ ކަމުގައިވާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުމަކީވެސް ހިނގާފާނެ ހާދިސާތަކުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއްކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން ފުލުހުން ވަނީ ވިއްސާރެވެ، ވައިގަދަ ވުމާއެކު ސިނަމާލެ ބްރިޖާއި ރިންގް ރޯޑުގައި ސައިކަލު ދުއްވާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް އިލްތިމާސްކޮށްފަ އެވެ.

މުޅިރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު، ބައެއް ސަރަހައްދުތަކަށް ވަނީ އޮރެންޖް އެލާޓްވެސް ނެރެފައެެވެ.



ކިޔުންތެރިންގެ ހިޔާލު