އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިން ކުރީގެ ރައީސް އަބުދުﷲ ޔާމިން ރެކިވަޑައިގަންނަވަން އުޅުއްވި ނަމަވެސް އެކަން ނުވާނެ ކަމަށް އަދާލާތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ އެކައުންޓަށް އެސްއޯއެފުން ޖަމާވީ ވޮޑަމުލާގެ ފައިސާކަން ސާބިތުވެގެން މެނުވީ މަނީ ލޯންޑަރިންގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތު ނުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ ވިދާޅުވި ވާހަކަތަކަށް ރައްދު ދެއްވަމުންނެެވެެ. އެކަމާ ގުޅިގެން "ރަސް އޮންލައިން"ގައި ޝާއިއުކުރި ޚަބަރަކާއި ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ ރައީސް ޔާމިނަށް އެހާލަތު ދިމާވީ ހަރާމެއް ހަލާލެއް ނުބައްލަވައި ލިބުނުހާ ގޮތަކަށް ފައިސާ ހޯއްދަވަން އުޅުއްވުމުން ކަމަށެވެ. އަދި ގޮތް ނޭގޭ ބަޔަކު އާދަޔާ ޚިލާފު ބޮޑު އަދަދެއް އެކައުންޓަށް ޖަމާކުރުމުން ހެއު ނިޔަތެއް އޮތް މީހެއްނަމަ ބޭންކަށް ވެސް ގުޅާނެ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެެވެ. ޑރ. އިޔާޒް ވިދާޅުވީ ކުށުން ރެކެން ބަހަނާ ދެއްކިދާނެ ކަމަށެވެ.



"އަދީބު ލައްވައި ވައްކަން ކުރުވާފައި އަދި އެކަމަށް ހިތްވަރުދީފައި އެކަމަށް އިންކާރު ކުރި ކޮންމެ މީހަކު ގޮޅިއަށް ލާފައި މިއަދު ކުށުން ރެކެން އުޅުނަސް އެކަމެއް ނުވާނެ." ރައީސް ޔާމިންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެެވި ޚިޔާނާތުގެ މުގުލުގައި ހުރި ކަމަށް ބުނާ ނާއިބް ރައީސް އަހުމަދު އަދީބަށް އިޝާރަތް ކުރައްވަމުން ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވި ނަމަވެސް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ރައީސް ޔާމީނަށް ޖަމާވީ ވޮޑަމުލާގެ ފައިސާކަން ސާބިތުވެގެން މެނުވީ އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެކުށް ސާބިތު ނުވާނެކަމަށެވެ. ސަބަބަކީ އެ ކުށުގެ ޤާނޫނީ ސްޓްރަކްޗަރ ބިނާވެގެންވަނީ އެކުށް ތަޖްރީމް ކުރެވިފައިވާ ޤާނޫނީ ނައްޞުތަކުގެ މައްޗަށް ކަމުގައިވާއިރު، މަނީ ލޯންޑަރިންގގެ ކުށުގެ އެންމެހައި ރުކުންތަކާއި ޢުންޞުރުތައް އެ ކުށުގައި ފުރިހަމަވުން ލާޒިމުވެގެންވާނެތީ ކަމަށް ޑރ. އަހުމަދު ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާޔަކީ ގއ. ވޮޑަމުލާ ކުށްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާކަމުގައި ދައުލަތުން ދަޢުވާކުރާނަމަ، އެކަން ސާބިތު ކުރުމުގެ އިތުރުން އެ ފައިސާޔަކީ ޤާނޫނު ނަންބަރު 10/2014 ގެ 7 ވަނަ މާއްދާއާ ޙަވާލާދީ ކޮން ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ވެސް ސާބިތުކޮށް ދިނުމަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް. އެކަން ސާބިތު ނުވާނަމަ ޙަވާލާދެވޭ ދަޢުވާއަކީ ޢުންޞުރު ފުރިހަމަ ނުވާ ދަޢުވާއެއް." ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބުދު ﷲ ދީދީ  ވިދާޅުވިއެވެ.

ސްޕްރީމް ކޯޓުގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށާއި އެ ފައިސާއާ މެދު ޝައްކު އުފެދުމުން ފުދޭނެ ކަމަށެވެ. އަދި އެ ފައިސާއާ މެދު ޝައްކު އުފެދުނުކަން ޔާމީނަށް އެނގިވަޑައިގަންނަވާ ކަމަށާއި އެކަން ސާބިތުކޮށްދެވިފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ޝަރީއަތަށް ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުއެވެ. 



ކިޔުންތެރިންގެ ހިޔާލު