އެމްޑީޕީއަކީ ރާއްޖެއަށް ޑިމޮކްރަސީއާއި ތަރައްގީ ގެނެސްދޭ ޕާޓީކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު،  ވިދާޅުވެއްޖެއެެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވި ބޭފުޅުންނަށް މަރުހަބާ ވިދާޅުވެ ފޮނުއްވި މެސެޖެއްގައެވެ. މި މެސެޖުގައި ޝާހިދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅުުންނަށް މަރުހަބާ ވިދާޅުވެފައެވެ.

"މި އިންތިޚާބުގައި ވާދަކުރެއްވި އެންމެ ބޭފުޅުންވެސް ދެއްކެވި ރީތި ޑިމޮކްރެޓިކް ނަމޫނާއަށް ސާބަސްދެން. އެމްޑީޕީ އަކީ އިންތިޚާބުތަކަށް ފަރިތަ، ރާއްޖެއަށް ޑިމޮކްރަސީއާއި ތަރައްޤީ ގެނެސްދޭ ޕާޓީ." ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސްކަން ކުރެއްވި އަބުދު ﷲ ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވަނީ ޤައުމީ މަޖިލީހުގެ ނިމިދިޔަ ދައުރުގައި ސާބިތުކަމާއެކު ޚިދުމަތްކުރެއްވި އެންމެހައި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮތް އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ވާދަވެރިކަމާއެކު ނިއްމާލާފައިވާއިރު އިންތިޚާބުގައި ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ރައީސް އިބްރާހިމް މުހަންމަދު ސާލިޙުގެ ފެކްޝަަނަށް ނިސްބަތްވެވަޑައިގަންނަވާ ކެންޑިޑޭޓުންނެެވެ. ގައުމީ މަޖިލީހަކީ އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަވަންކަން ފާހަގަކޮށްލެވެއެވެ.

އެމްޑީޕީގެ މައިގަނޑު ސިޔާސަތުތައް އެކުލަވާލުމާއި ބޮޑެތި ނިންމުންތައް ނިންމުމާއި އަދި އެމްޑީޕީ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ބޭފުޅުން ޖަވާބުދާރީ ކުރުވުމުގެ މަސައްކަތަކީ ގައުމީ މަޖިލީހުގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.



ކިޔުންތެރިންގެ ހިޔާލު