ޅ. ނައިފަރުގައި އައިސް ޕްލާންޓެއް އަޅައިދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހުން އެރަށު މަސްވެރިން އެދިފައި ނުވާކަމަށް ފިޝަރީޒް މިނިސްޓަރ ހުސައިން ރަޝީދު އަހުމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ހުސައިން ރަޝީދު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސް ޞާލިޙު ޅ. ނައިފަރަށް ވަޑައިގެން އެ ރަށުގައި އައިސް ޕްލާންޓެއް އަޅުއްވަން ވެވަޑައިގެންނެވި ވައުދާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ ހުސައިން ރަޝީދު ވިދާޅުވީ ރައީސް ޞާލިޙު ރިޔާސީ އިންތިޚާބުގައި ނައިފަރަށް ވަޑައިގެން އެ ރަށުގެ މަސްވެރިންނާ ބައްދަލުކުރެއްވި ނަމަވެސް އައިސް ޕްލާންޓެއް އަޅައިދިނުމަށް އެ ރަށުގެ މަސްވެރިން ރައީސްގެ ކިބައިން އެދިވަޑައިގެންފައިނުވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގެ ރެކޯޑިންއެއް މިހާރުވެސް އަތްޕުޅުގައި އެބައޮތްކަމަށް ވިދާޅުވެ ޑރ. ޙުސައިން ވިދާޅުވީ މަސްވެރިން އެދުނީ ފެލިވަރުން އައިސް ލިބޭނެ ފަސޭހަ ގޮތެއް އިންތިޒާމުކޮށްދިނުމާއި، ޑައިވްކޮށްގެން އެން ހިފުމާއި، ދާ އަޅައިގެން މަސްވެރިކަން ކުރުން ހުއްޓުވައިދިނުމަށް ކަމަށެވެ.



މިނިސްޓަރ ވިދާޅުވީ މި ސަރުކާރާއެކު ފެލިވަރުން އައިސް ވިއްކާ އަގުވެސް ކުޑަކޮށްފައިވާކަމަށެވެ. އެގޮތުން މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފެލިވަރުން އައިސް ޓަނެއް ވިއްކި އަގަކީ 1060 ރުފިޔާ ކަމަށާއި ނަމަވެސް މިހާރު ފެލިވަރުން އައިސް ޓަނެއް 750 ރުފިޔާއަށް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފެލިވަރު އިތުރަށް ތަރައްްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު ނައިފަރު ހިމެނޭހެން ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކާއި އުތުރުގެ އަތޮޅުތަކާއި އާންމުކޮށް މުޅި ރާއްޖެއަށް މިކަމުގެ ސަބަބުން ފައިދާވާނޭކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން