އުންމީދަކީ 2022 ވަނަ އަހަރުގެ ޖަނަވަރީމަހު ރާއްޖޭގެ ހޯމް ސްޓޭ ޓޫރިޒަމް ތަޢާރަފް ކުރުން ކަމަށާއި އޭގެ ސަބަބުން އެންމެހާ ރައްޔިތުން ޝާމިލުވާގޮތަށް ތަރައްޤީވުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ގިނަ ރިޒޯރޓުތަކުން މުވައްޒަފުންގެ ކަންތައްތައް ވަރަށް ރަނގަޅަށް ބަލަހައްޓަމުން ގެންދާތީ އެފަރާތްތަކަށް ނިހާޔަތަށް ޝުކުރުވެރިވާކަމަށާއި އަދި އެގޮތަށް ކަންތައްތައް ނުކުރެވޭ މަދު ރިޒޯޓުތަކުން މުވައްޒަފުންގެ ކަންތައްތަކަށް ޚާއްސަ ސަމާލުކަމެއްދިނުމަށް މިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމް މިއަދު އެދިވަޑައިގެންފިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މިނިސްޓަރ ވިދާޅުވީ ނިމިދިޔަ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޙުގައި ފުރަތަމަ ފަހަރަށް އަލަށް ބޯޑަރ ބަންދު ކުރަން ޖެހުނު އަހަރުކަމަށެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔޭގެ ފަތުރުވެރިކަމަށް އައި ބޮޑު ލޮޅުމުގެ އަސަރު ފަތުރުވެރިކަމަށް ބަރޯސާ ވެފައިވާ މި ކުޑަ ކުޑަ ރާއްޖެއަށް ވަރަށް ބޮޑަށް ކުރަން ފެށިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އެކަމުގެ ހައްސާސް ކަމުން އިންޑަސްޓްރީ ސްޓޭކްހޯލްޑަރުންނާއި ކަމާ ގުޅޭ އެހެނިހެން ފަރާތްތަކުގެ މަޝްވަރާއާއެކު ދިވެހިރާއްޖޭގެ ބޯޑަރ އަލުން ފަތުރުވެރިންނަށް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ނިންމެވި ހިކްމަތްތެރި ހިތްވަރުގަދަ ނިންމުން ވެގެން ދިޔައީ އިޤްތިޞާދަށް ދިމާވި ބޮޑު ގޮންޖެހުމުން އަރައިގަތުމަށް ނިންމުނު ހަރުދަނާ ނިންމުމަކަށް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިމަހު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހާއި އަޅާ ބަލާއިރު 12 އިންސައްތަ އިތުރުވެފައިވާކަމަށެވެ. އަދި މިއަހަރުގެ ނިޔަލަށް 1.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހުރި 55،000 ޓޫރިސްޓް އެނދުގެ ތެރެއިން 51،000 އެނދު މިހާރު ވިއްކުމަށް ތައްޔާރުކުރެވިފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ވޭތިވެ ދިޔަ އަހަރު ގުނާލެވޭނީ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުން އާދަޔާޚިލާފު ގުރުބާނީއެއްވި އަހަރެއްގެ ގޮތުގައި. އަނބިދަރިން ކައިރިއަށް ފިރިދަރިން ކައިރިއަށް ނުގޮސް ބުރަ ޚިދުމަތުގައި ރިޒޯޓުގަ ދުވަސްތައް ގުނާލި އަހަރެއްކަމުގައި. އެހެންކަމަށް ވުމާއިއެކު އެ މުވައްޒަފުންގެ ގުރުބާނީގެ އަގު ވަޒަންކޮށް އިޙްލާސްތެރިކަމާއި އެކު ޝުކުރު ދަންނަވަން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކައިގައި ރާއްޖެއަށް ވެކްސިން ތަޢާރަފުވުމާއިއެކު، ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ވެކްސިންޖެހުމުގައި އިސްކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުގެ ސަބަބުން މިހާރު ފަތުރުވެރިކަމުގެ ދާއިރާގެ 93 އިންސައްތަ މުވައްޒަފުންނަށް ވެކުސިން ފުރިހަމަކުރެވިފައިވާކަން ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކައިގައި ރާއްޖޭގެ ގިނަ ރިޒޯޓުތަކުން މުވައްޒަފުންގެ ކަންތައްތައް ވަރަށް ރަނގަޅަށް ބަލަހައްޓަމުންގެންދާތީ އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އެގޮތަށް ކަންތައްތައް ނުކުރެވޭ މަދު ރިޒޯޓުތަކެއް ހުރިކަން ފާހަގަކުރައްވައި އެފަރާތްތަކުން ވެސް މުވައްޒަފުންގެ ކަންތައްތައްކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަން ކާމިޔާބު ކުރެވޭނީ މުވައްޒަފުން ހިނިތުންވެގެންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިސަރުކާރުގެ ސިޔާސަތުގެ އެއް އަމާޒަކީ ފަތުރުވެރިކަމުގެ ވެރިންނަށް ދިވެހިން ހެދުންކަމަށާއި އެގޮތުން ރިޒޯޓް، ހޮޓާ، ގެސްޓްހައުސް އަދި ސަފާރީތަކާއި އަދި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ޑައިވިންގ ސެންޓަރ އަދި ވޯޓަރ ސްޕޯޓްސް ސެންޓަރ ފަދަ ތަންތަނުގެ ވެރިންކަމުގައި ދިވެހިން ހެދުމަކީ އަމާޒެއްކަމަށެވެ. އަދި ހަމައެއާއެކު، އާމްދަނީ ގިނައިން ލިބޭ ދިވެހިން އަދާ ކުރާ ހިތްވާ ވަޒީފާތައް ދިވެހިންނަށް ފަހިކުރުމާއި މި ދެ ސިޔާސަތުގެ ތެރެއިން އަންހެނުންނަށް ވަކިން ޚާއްސަ ފުރުޞަތުތަކެއް ތަނަވަސްކޮށްދިނުމަށްވެސް ސަރުކާރުން މަސައްކަތްކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އެއް ސިޔާސަތަކީ ފަތުރުވެރިކަން ރައްޔިތުންނާއި ހަމައަށް ގެންގޮސް ފަތުރުވެރިކަމުގެ މަންފާ ވަކިވަކި ފަރުދުންނަށް ފޯރުކޮށް ދިނުންކަމަށެވެ. އެގޮތުން އުންމީދަކީ 2022 ވަނަ އަހަރުގެ ޖަނަވަރީމަހު ރާއްޖޭގެ ހޯމް ސްޓޭ ޓޫރިޒަމް ތަޢާރަފް ކުރުން ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އެންމެހާ ރައްޔިތުން ޝާމިލުވާގޮތަށް ތަރައްޤީވުމުގެ ފުރުޞަތު ލިއްބައިދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން