ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރަން ބޭނުންވާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ ޗައިނާގެ 72 ވަނަ އަހަރީ ދުވަހާއި އެގައުމުގެ އާ ސަފީރު ވަންގް ލިޖިން މަގާމާއި ހަވާލުވެވަޑައިގަތުން ފާހަގަކުރުމަށް މާލޭގައި ހުންނަ ޗައިނާ އެމްބަސީގައި މިއަދު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތަކަށް ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ޗައިނާއާއި ގާތުން މަސައްކަތް ކުރަން ބޭނުންވާކަމަށާއި، ރާއްޖެއާއި ޗައިނާގެ ގުޅުން ބިނާވެފައި ވަނީ ޗައިނާއިން ގެންގުޅޭ ވަން ޗައިނާ ސިޔާސަތުގެ އިތުރަށް، އެއް ބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކޮށް، ހަމަހަމަކަމާއެކު މުއާމަލާތްކުރުމުގެ މައްޗަށް ކަމަށެވެ.

ޝާހިދު ވިދާޅުވީ ރާއްޖެއާއި ޗައިނާގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ދެ ގައުމު ގުޅިގެން ބައިނަލްއަގުވާމީ ދުނިޔޭގައި މަސައްކަތް ކުރައްވާނެކަމަށެވެ.

ވީޑިއޯ މެސެޖުގައި ޝާހިދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހިންގެ ނަމުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ސަފީރު ވާން ލިޖިންއަށް މަރުހަބާ ވިދާޅުވެފައެވެ.



ޗައިނާއިން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު، ވަން ލިޒިން، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

އެދުވަހުގެ ރަސްމިއްޔާތުގައި ކުރިޔަށް އޮތް އަހަރަކީ ރާއްޖެއާއި ޗައިނާއާ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ އަހަރުކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ދެމެދުގައިވާ ވަރުގަދަ ގުޅުމުގެ މައްޗަށް ބައްލަވާލައްވާފައެވެ. އަދި މިދިޔަ ޖުލައި މަހު ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާ ފޯނުން ގުޅުއްވައިދެ ޤައުމުގެ ވެރިންވެސް ރާއްޖެއާއި ޗައިނާގެ ގުޅުން އޮތް އިރު ދެޤައުމުންވެސް ޝާއުޤުވެރިވާ ދާއިރާތަކުން އިތުރަށް ގުޅުން ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން