މާޝާ މިދުހަތު   28 ސެޕްޓެމްބަރު 2021 - 13:52
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޯން އަށް މީހަކު ބިހުގެ ހަމަލާއެެއް ދީފިއެވެ.

މެކްރޯން އަށް ބިހުގެ ހަމަލާ ދީފައިވަނީ ކާބޯތަކެއްޗާ ބެހޭ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ވަޑައިގަތުމުން، އެސަރަހައްދުގައި ތިބި އާންމުންގެ ތެރެއިން މީހެކެވެ. މިހާދިސާގެ މަންޒަރު ދުށް މީހުން ހާމަކޮށްފައިވާ ގޮތުގައި އެމީހާ އެއްލި ބިސް ގޮސް ޖެހުނީ ރައީސް މެކްރޯންގެ ކޮނޑުފުޅުގައެވެ.

ބިސް އެއްލި މީހާގެ މަގްސަދު އަދި ހާމަވެފައިނުވާއިރު، އޭނާ ބިސް އެއްލި އިރު އެއްވެސް އިތުރު ބަހެއް ނުބުނާކަމަށްވެސް މިހާދިސާގެ މަންޒަރު ދުށް މީހުން ހާމަކޮށްފައިވެއެވެ. މިހާދިސާ ހިނގާ ދިއުމާއިއެކު، ބިހުގެ ހަމަލާ ދިން މީހާ ވަނީ ހައްޔަރުކޮށް އެސަރަހައްދުން ގެންގޮއްސައެވެ.

މިއީ އާންމުންގެ ތެރޭގައި ހަރަކާތްތެރިވަނިކޮށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޯނަށް މިހާތަނަށް ލިބުނު ފުރަތަމަ ހަމަލާއެއްވެސް ނޫނެވެ. މިގޮތުން 2017 ވަނަ އަހަރުވެސް ރައީސް މެކްރޯނަށް، އާންމުންގެ މީހަކު ބިހުގެ ހަމަލާއެއް ދީފައިވެއެވެ. އެހާދިސާގައި ބިސް ތަޅައިގެން ދިޔައީ ރައީސް މެކްރޯންގެ އިސްތަށިފުޅަށެވެ.

މީގެއިތުރުން، މިއަހަރުގެ ޖޫންމަހުވެސް އާންމުންގެ ތެރެއިން ހަމަލާއެއް ރައީސް މެކްރޯން އަށް އަމާޒުވެގެން ދިޔައެވެ. މިހާދިސާގައި އެއްވެފައި ތިބި އާންމުންގެ ތެރެއިން މީހަކު، ރައީސް މެކްރޯންގެ މޫނުފުޅުގައި ޖެހުމާއެކު އޭނާ ވެސް ވަނީ ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން