މިހާރު ތިބި މީހުންނާއެކު އިންސާފުވެރި ޖުޑިޝަރީއެއް ލިބޭނެނަމަ، ހުދުމުހުތާރު ވެރިންނާއެކު ޑިމޮކްރަސީވެސް އޮންނާނީ ލިބިފައިކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވެފައި މިވަނީ، އެމްއެމްޕީއާރުސީގެ މައްސަލައިގައި ހުރިހާ ޖަރީމާއެއް ހިންގި އެސްއޯއެފް ކުންފުންޏާއި ދެކޮޅަށް ދައުވާ ނުކުރަން ނިންމާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި ވިދާޅުވެފައި ވަނިކޮށެވެ. މީގެއިތުރުން ދައުލަތުގެ ވަކީލުން ކޯޓުގައި ދައްކާ ވާހަކަތައް ނުވަތަ ދައުލަތުގެ ސްޓޭންޑް ފަހުން ބަދަލުކުރާކަމަށް ފަނޑިޔާރުން އިއްޔެ ވަނީ ފާހަގަކުރަށްވާފައެވެ.

އަލީ ވަހީދު ވިދާޅުވީ ‏ކޯޓުތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު "ސްޓޭންޑް" ބަދަލުކުރަނީ ޑީލު ހަދައިގެންކަން ފަނޑިޔާރުންނަށް ވިދާޅުވެވޭނެ މިންވަރަށް ވިދާޅުވެއްޖެކަމަށެވެ. އަދި ޕީޖީ ޝަމީމާއި، އޭޖީ ރިއްފަތާއި، ޖޭއެސްސީގެ ރައީސް ހިސާނު އެކުވެ މިނިވަން އިންސާފުވެރި ޖުޑީޝަރީއެއް ލިބޭނެނަމަ، ދުނިޔެ ދުށް އެންމެ ނުބައި ޑިކްޓޭޓަރުންކަމަށްވާ މުޤާބޭއާއި، އީޑީ އަމީނާއި، ނަޕޯލިއަނާއެކު ޑިމޮކްރަސީވެސް އޮންނާނީ ލިބިފައިކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.



އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ބޭންކުތަކުގެ ތެރެއިން ދައުރުކޮށް ދޮވެ އެކިމީހުންގެ އެކައުންޓްތަކަށް ޖަމާކޮށް އެކި މީސްމީހުންނަށް ބަހާފައި ވަނީ އެސްއޯއެފްގެ އެކައުންޓެއް މެދުވެރިކޮށް ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އެކަމާއި ގުޅިގެން އެސްއޯއެފްގައި އިސްކޮށް އުޅުނު މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި އޭނާގެ ގާތް މީހުން ކަމަށްވާ މުހައްމަދު ހުސައިން (އޮއިއްޓޭ) އަދި އަހްމަދު އިޝްފާހު އަލީ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމަށްފަހު ސަރުކާރުން ވަނީ އެނޯޓިސް ފަހުން ބާތިލްކޮށްފައެވެ.

އިއްޔެ ސްޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެކި ފަރާތްތަކަށް ބަހާލުމަށް މެދުވެރިއެއްގެ ރޯލު އަދާކުރި ސްކޯސް އޮފް ލޭއާސް (އެސްއޯއެފް)އާއި އެ ކުންފުނީގެ ވެރިންނަށް ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ގެއްލިފައިވާ ފައިސާ ހޯދުމަށް އެ ކުންފުނީގެ އިސް މީހުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

"އެ ފަރާތްތަކުގެ އެއްބާރުލުން ހޯދުމަށްޓަކައި ދައުލަތަށް ގަބޫލުކުރެވެނީ އެ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް ވުރެން އާންމު މަސްލަހަތު އޮތީ އެފަރާތްތަކުން ދޭ ހެކިބަސް ނުވަތަ އެ ފަރާތްތަކުން ދޭ އެއްބާރުލުމުގެ މައްޗަށް ބިނާކޮށް ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުން ކަމުގައިވާތީ އެގޮތުގެ މަތިން އެ ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރުމަށް ދައުލަތުން ނިންމާފައި ވަނީ،" ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ދައުލަތުން ބުނީ އެސްއޯއެފުން އެކި ފަރާތްތަކަށް 70 މިލިއަން ޑޮލަރާއި 100 މިލިއަން ރުފިޔާ ފޮނުވާފައިވާ ކަމަށެވެ. އެހެން ނަމަވެސް ރައީސް އަބުދު ﷲ ޔާމިން ފިޔަވައި އެމައްސަލައިގައި ފައިސާ ޖަމާވި ކަމަށް ބުނާ ބައެއްގެ މައްޗަށް ދައުލަތުން މިހާތަނަށް ދައުވާ އުފުލާފައެެއް ނުވެއެވެ. ރައީސް ޔާމިންގެ އެކައުންޓަށް އެސްއޯފުން ޖަމާކުރި އެއް މިިލިއަން ޑޮލަރު ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން