އަހުމަދު މަސްނޫމް   28 ސެޕްޓެމްބަރު 2021 - 14:41
ގަތަރުގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުމަށް ވަރަށް ބޮޑަށް ޝައުގުވެރިވާކަމަށް ގަތަރުގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފަަސްޓް ޗެއަރމަން މުހައްމަދު ބިން ތޮވާރު ވިދާޅުވެއްޖެއެވެ.

ގަތަރުގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފަަސްޓް ޗެއަރމަން މުހައްމަދު ބިން ތޮވާރު މިހެން ވިދާޅުވީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްއާއެކު ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުވެސް ބައިވެރިވެވަޑައިގަތެވެ.

މިބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ވިޔަފާރީގެ އެކި ދާއިރާތަކުން ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ދެ ގައުމުގެ ވިޔަފާރީގެ މާހައުލާއި ވިޔަފާރީގެ ދާއިރާއިން ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުވުމުގައި ގަތަރުގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފަަސްޓް ޗެއަރމަން މުހައްމަދު ބިން ތޮވާރު ވަނީ ގަތަރުގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުމަށް ވަރަށް ބޮޑަށް ޝައުގުވެރިވާކަން ހާމަކޮށްފައެވެ. އަދި މިކަންކަމާއި ގުޅޭ މައުލޫމާތު ވީއެންމެ އަވަހަކަށް ގަތަރުގެ އިންވެސްޓަރުންނާއި ހިއްސާ ކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ފައްޔާޒު ވަނީ ގަތަރުގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ފަތުރުވެރިކަން، ކާބޯތަކެތި އުފެއްދުންފަދަ ދާއިރާތައް ހިމެނޭކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި ގަތަރާއި ރާއްޖޭގެ ވިޔަފާރިވެރިން ގުޅުވައިދޭ ބައްދަލުވުމެއް ބޭއްވުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން