ސަރުކާރާއި އޭޑީބީ އަދި އިތުރު އެޖެންސީތަކެއް ގުޅިގެން ކުނިން ހަކަތަ އުފެއްދުމަށް ހިންގާ އެންމެ ބޮޑު މަޝްރޫއު ހަވާލު ކުރުމުގައި ކޮރަޕްޝަނެއް ނެތްކަމަށް އޭސީސީން ނިންމައިފިއެވެ.

އޭސީސީން މިގޮތަށް ނިންމާފައިވަނީ އެ މަޝްރޫއުގެ ބީލަމަށް ކުރިމަތިލި ސައުތު ކޮރެއާގެ ޓެކްކްރޮސްއިން، ބީލަމުގެ މައްސަލަ އޭސީސީއަށް ހުށަހެޅުމުން، އެމައްސަލަ ބެލުމަށްފަހުއެވެ.

އޭސީސީގެ ނިންމުމުގައި ވަނީ އެމަޝްރޫއު ހަވާލުކުރުމުގައި ތަހުގީގު ކުރަންޖެހޭ ފަދަ ކަމެއް ފާހަގަ ކުރެވިފައި ނުވާތީ، އެ މައްސަލަ ތަހުގީގު ނުކުރަން ނިންމާފައިވާކަމަށެވެ.

މައްސަލަ އޭސީސީއަށް ހުށަހެޅި ކުންފުނިން ތުހުމަތުކުރާ ގޮތުގައި، އެ ކުންފުނިން އެންމެ ކުޑަ އަގެއް އަދި މަޝްރޫއަށް ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައި އޮއްވައި އެހެން ކުންފުންޏަކާ މަސައްކަތް ހަވާލުކުރީ ކޮރަޕްޝަންގެ ތެރެއިންނެވެ. އެކުންފުނިން ހުށަހެޅީ 294 މިލިއަން ޑޮލަރު (4.5 ބިލިއަން ރުފިޔާ) އެވެ. ބީލަން ކާމިޔާބުކުރި ސްޕެއިންގެ އުރްބާސާއިން ހުށަހެޅީ 303 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) ގެ ބީލަމެކެވެ. އަދި ޗައިނާގެ އެންފީ އިންޖިނިއަރިންގެ އަގަކީ 390 މިލިއަން ޑޮލަރު (6 ބިލިއަން ރުފިޔާ) އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިމަޝްރޫޢުގެ ބީލަން ހަވާލުކުރީ އޭޑީބީގެ އުސޫލުތަކާއި ރާއްޖޭގެ ބީލަން އުސޫލުތަކުގެ ތެރެއިން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު