މޯލްޑިވްސް ނެޝެނަލް ޕާޓީ އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ ދނުން
މޯލްޑިވްސް ނެޝެނަލް ޕާޓީ އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ ދނުން
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އިސްވެ ތިއްބަވައިގެން ސިޔާސީ ހަރަކާތް ފުޅާކުރަން އުފައްދަވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބާއްވަން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް މިއަދު ހުއްދަދީފިއެވެ.

ޖުމްލަ 5000 މެމްބަރުން ޕާޓީއަށް ހަމަކޮށް އެމްއެންޕީއިން ރަޖިސްޓްރޭޝަން ފޯމް މި މަހުގެ 15 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާއިރު، އެ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނު ނަންބަރު 2013/4 ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މޯލްޑިވްސް ނެޝަނަލް ޕާޓީ ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 ޞައްޙަ ފޯމު ހުށަހަޅާފައިވާތީ، ސިޔާސީ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ކޮމިޝަނުން މިއަދު އެފަރާތަށް ދީފައިވާކަމަށެވެ.

މިކަމާ ގުޅިގެން އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީ ހިންގެވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ އަދަދަށް މީހުން މިހާރު ހަމަވެފައިވާކަމަށެވެ. އަދި ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެ ޕާޓީއަށް ދީފައި ކަމަށް ވެސް އުޝާމް ވަނީ ފާހަގަކުރައްވާފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އަންނަ މަހު 8 ގައި ޕާޓީ އުފައްދަން ބާއްވަންޖެހޭ ޖަލްސާ ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި ބައްދަލުވުން ބާއްވަން ނިންމާފައިވަނީ ޣިޔާސުއްދީން އިންޓަރނެޝަނަލް ސްކޫލުގެ ހޯލުގައި ކަމަށާއި، ބައްދަލުވުން ކުރިއަށްދާނީ ދެ ސެޝަނަކަށް ބަހާލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންނަ މަހު 8 ވަނަ ދުވަހު ބާއްވާ ބައްދަލުވުމުގައި އެގްޒެކެޓިވް ކައުންސިލް ކަނޑައަޅައި، ޕާޓީގެ އަސާސީ ގަވާއިދު ވެސް ފާސްކުރާނެއެވެ. އެ ޕާޓީގެ އެގްޒެކެޓިވް ކައުންސިލްގައި 30 ޖާގަ ހިމެނޭއިރު، އެ މަގާމުތަކަށް ކުރިމަތިލުމަށް މިހާރުން ފެށިގެން ވަނީ ހުޅުވާލާފައިކަމަށް ވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރ އަބްދުﷲ ރިޔާޒް ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާގޮތުން ޕާޓީއެއް އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ ލިބޭ ހިސާބުން މަދުވެގެން 300 މެމްބަރުންގެ ހާޒިރުގައި ޖަލްސާއެއް ބާއްވައި ވަގުތީގޮތުން ޕާޓީގެ މަގާމުތަކަށް މެމްބަރުން ކަނޑައަޅައި ރަޖިސްޓްރޭޝަނަށް ހުށަހަޅަން ޖެހޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު