އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެކި ފަރާތްތަކަށް ބެހުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރި ސްކޯސް އޮފް ފްލެއާ (އެސްއޯއެފް) އާއި އެކު ދައުލަތުން ހެދި އެގްރިމެންޓް އޮތް ގޮތުން އެކުންފުނީގެ އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް މިރޭ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެކި ފަރާތްތަކަށް ބަހާލުމަށް މެދުވެރިއެއްގެ ރޯލު އަދާކުރި ސްކޯސް އޮފް ފްލޭއާސް (އެސްއޯއެފް)ގެ ވެރިންނަށް ދައުވާ ނުކުރާނެ ކަމަށް ޕީޖީގެ ވަކީލުން އިއްޔެ އޮތް ރައީސް ޔާމިންގެ ޝަރީއަތުގެ އަޑުއެހުމުގައި ވިދާޅުވި ނަމަވެސް އެކަމަށް ފާޑުކިއުން އަމާޒުވުމުން މިއަދު އަލުން އެސްޓޭންޑް ބަދަލުކޮށް ޕީޖީން ބުނީ އެސްއޯއެފަށް ދައުވާ ކުރާނެ ކަމަށެވެ.

އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަދި ރައީސް ޔާމިންގެ ޝަރީއަތް ދަށުކޯޓުން ނިމުމަކާއި ހަމައަށް ދަންދެން އެމައްސަލައިގެ ފަނޑިޔާރެއްގެ ގޮތުގައި މައްސަލަ ބެއްލެވި އަހުމަދު ހައިލަމް ވިދާޅުވީ، އެސްއޯއެފަށް ދައުވާ ކުރާނެ ކަމަށް ޕީޖީ އޮފީހުން ބުނި ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އެއްވެސް ގާނޫނީ އަސާސެއް ބަޔާން ކުރުމެއް ނެތި "އިމިއުނިޓީ ފްރޮމް ޕްރޮސެކިއުޝަން" ނަމުގައި ދައުލަތުން އެސްއޯއެފްގެ ހުރިހާ ފަރާތްތަކާއެކު ގާނޫނާއި ޚިލާފަށް އެގްރިމެންޓް ހަދާފައިވާ ކަމަށް ހައިލަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ އެގްރިމެންޓް ބުނާގޮތުން އެމްއެމްޕީއާރުސީގެ އެއްވެސް މައްސަލައެއްގައި އެސްއޯއެފްގެ އެއްވެސް މީހަކަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.

އަދި އެގްރިމެންޓް ހަދާފައިވަނީ ކުރީގެ ޕީޖީ ބިޝާމާއި އޭޖީ ރިފްއަތާއި ފުލުހުންގެ އިސްބޭފުޅުން އިނގިރޭސިވިލާތަށް ވަޑައިގެން ކަމަށް ހައިލަމް ވިދާޅުވިއެވެ. އެ އެގްރިމެންޓްގައި މިހާރުގެ ޕީޖީ ޝަމީމް ޚިޔާނާތުގެ ފައިސާ ބެހުމުގެ އިސްރޯލެއް އަދާކުރި ކަމަށް ދައުލަތުން ބުނާ އޮއިއްޓެގެ ވަކީލުގެ ހައިސިއްޔަތުން ސޮއިކުރައްވާފައިވާ ކަމަށްވެސް ހައިލަމް ވިދާޅުވިއެވެ.



"އެސްއޯއެފްގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކުރުމުގެ އެއްވެސް ވިސްނުމެއް ދައުލަތުގައި އޮތްނަމަ އެ ފަރާތްތަކާއި ދެކޮޅަށް ނެރެފައިވާ ރެޑް ނޯޓިސްތައް ބާތިލްކުރަންޖެހޭ އެއްވެސް ސަބަބެއް ނޯއްނާނެ." ޚިޔާނަތުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ މައްސަލަ ކްރިމިނަލް ކޯޓުގައި އެންމެ ފުރަތަމަ ބެއްލެވި ގާޒީ ހައިލަމް ވިދާޅުވިއެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، މުޅި އެމްއެމްޕީއާރްސީ މައްސަލާގައި އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރަން ނިންމީ ނޫން ކަމަށެވެ. ދައުލަތުގެ ފަރާތުން ޝަރީއަތުގައި ބުނީ ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރާ ޓްރާންސެކްޝަނާއި ގުޅިގެން އެ ކުންފުނީގެ މައްޗަށް ދައުވާ ނުކުރާނެ ކަމަށް ކަމުގައެވެ.

"އެހެންނަމަވެސް އެކަށީގެންވާ ހެކި ލިބިއްޖެނަމަ އެސްއޯއެފްގެ މައްޗަށް އެހެނިހެން ޓްރާސްސެކްޝަން ތަކާއި ގުޅިގެން ޗާޖުކުރާނެ." ޝަފީއު ވިދާޅުވިއެވެ.

މިހާރުވެސް މީސް މީޑިއާގައި އަޑާއި ވިޑިއޯ ރެކޯޑިންގ ހުރި ޝަރީއަތެއްގައި ދައުލަތުގެ ވަކީލުން ދެއްކެވި ވާހަކަތައް ކުއްލިއަކަށް ބަދަލުކޮށް މުޅިން އެހެން ވާހަކަތަކެއް މިހާރު ދެއްކި ނަމަވެސް ސްޕްރީމް ކޯޓުގެ ބެންޗުގައި އިންނެވި އިސް ފަނޑިޔާރު ތަކުރާރުކޮށް ދައުލަތާއި އެސުވާލު ކުރުމުން ވެސް ދައުލަތުގެ ވަކީލު ޝަފީއު ވިދާޅުވީ އެސްއޯއެފަށް ދައުވާ ނުކުރާން ނިންމާފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނިންމީ ތަހުގީގަށް އެމީހުންގެ އެހީތެރިކަމާ އެއްބާރުލުން ހޯދައިގެން ފައިސާ ހޯދުން މާ ފައިދާބޮޑުވާނެތީ ކަމަށެވެ.

އެސްއޯއެފްގައި އިސްކޮށް ހުރި މުހައްމަދު އައްލާމް ލަތީފްގެ އިިތުރުން އަހުމަދު އިސްފާހު އަލީ އާއި މުހައްމަދު ހުސައިން (އޮއިއްޓޭ) ހޯދަން މީގެ ކުރިން ރެޑް ނޯޓިސް ވެސް ނެރުނު ނަމަވެސް ފަހުން އެ ރެޑް ނޯޓިސް ވެސް ވަނީ ބާތިލުކޮށްފަ އެވެ. 



ކިޔުންތެރިންގެ ހިޔާލު