އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް ދޭ އިންކަމް ސަޕޯޓް އެލަވެންސް ހޯދުމަށް، ސައްޙަ ނޫން ލިޔުންތައް ހުށަހަޅައިގެން ފަސް މިލިއަނެއްހާ ރުފިޔާ ހޯދާފައިވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ކޯވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް އެލަވެންސް ޕްރޮޖެކްޓްގެ އޮޑިޓް ރިޕޯޓުގައެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން އޮޅުވާލައިގެން އިންކަމް ސަޕޯޓްގެ ގޮތުގައި ހޯދި ފައިސާގެ ޢަދަދު 4.97 މިލިއަން ރުފިޔާއަށް އަރާއިރު އެފައިސާގެ ތެރެއިން އަނބުރާ ހޯދާފައިވަނީ 213،884 ރުފިޔާއެވެ. އަދި 4.76 މިލިއަން ރުފިޔާ މިދިޔަ އަހަރުގެ ޑިސެމްބަރާއި ހަމައަށް ހޯދިފައިނުވާކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.

އޮޑިޓް ރިޕޯޓްގައިވާގޮތުން އޮޅުވާލައިގެން ހޯދާފައިވާ އެލަވެންސް ވީހާވެސް އަވަހަށް ހޯދުމަށް އިކޮނޮމިކް މިނިސްޓްރީއަށް ވަނީ އަންގާފައެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރިން ހެދި ރިވިއު ރިޕޯޓުންވެސް އޮޅުވާލައިގެން އިންކަމް ސަޕޯޓް އެލަވެންސް ބައެއް ފަރާތްތަކުން ހޯދާފައިވާކަން ހާމަވުމާއި ގުޅިގެން އެ ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ކުރިން ހާމަކޮށްފައިވެއެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެންނެވެ. އެގޮތުން ތިން ފިޔަވައްސަކަށް ބަހާލައިގެން ޑިސެމްބަރުމަހުގެ ނިޔަލަށް ވަނީ އިންކަމް ސަޕޯޓް އެލަވަންސް ދީފައެވެ.

އިންކަމް ސަޕޯޓް އެލަވަންސަށް އެންމެ ގިނަ އަދަދަކަށް އެދިފައިވަނީ 21 އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރު ފުރައިގެ މީހުންނެވެ. އެގޮތުން 7400 އަށްވުރެ ގިނަ މީހުންނަކީ މި އުމުރު ފުރައިގެ މީހުންނެވެ. އަދި އެލަވަންސް ލިބިފައިވާ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންކަމަށްވެސް ޖޮބް ސެންޓަރުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު


-2

ބޭބެ

08-Oct-2021

އިންކަމް ސަޕޯޓް އެލަވެންސް އޮޅުވާލާގެްން ހޯދުމުގައި އިންމެ އިސްރޯލެއްކުޅުނީ އެކިނަންނަމުގައި އެމ.ޑީ.ޕީ އިން ރަށްރަށުގާބައިތިއްބާފާތިބި އެޕާޓީގެ ފޯކަލްޕޮއިންޓުން މިއީ ސަރުކާރަށް ނޭގި ހިންގާފައިވާ ޖަރީމާއެއްނޫން މިއީ ކައުސިލް އިންތިޚާބު ކާމިޔާބުކުރުމަށް ޓަކާ ކޮށްފައިވާ ބޮޑު ވައްކަމެއް ފޯކަލް ޕޮއިންޓުން މިކަންހިންގާފައިވަނީ ދާއިރާތަކުގެ އެމ.ޕީ އިންނާއި ޤައުމީ މަޖުލީހުގެ މެންބަރުން މެދުވެރިކޮށްގެން.