އައްޑޫގެ ރިސޯޓްތައް ނުހުޅުވެނީ ސަރުކާރުގެ ފަރުވާކުޑަކަމުންކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައި މިވަނީ އައްޑޫ ސިޓީގެ ރިސޯޓްތައް ނުހުޅުވުމާއި ގުޅިގެން ގިނަ ބަޔަކު ޝަކުވާކޮށް، ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ސައީދު ވިދާޅުވީ ސަންގްރިއްލާ ރިސޯޓް ނުހުޅުވިގެން އުޅެނީ ސަރުކާރު ފަރުވާ ކުޑަވުމުންކަމަށާއި އަދިވެސް މިފަދަ އެތައް ކަމެއް އެބަހުރިކަމަށެވެ. އެގޮތުން ވެލާނާ އެއަރޕޯޓްގެ ޓަރމިނަލާއި، ސީޕްލޭން ޓަރމިނަލްގެ މަސައްކަތް ނިންމައި، ހުޅުވަން ހަވާލުކުރުމުންވެސް އެކަން ނުވިކަމަށް ސައީދު ވިދާޅުވިއެވެ.

"ޝަންގްރިއްލާ ރިސޯޓް ނުހުޅުވިގެން އުޅެނީ ސަރުކާރު ފަރުވާކުޑަވުމުން. މިފަދަ އެތައް ކަމެއް އެބަހުރި. ވީއައިއޭގެ ދެވަނަ ރަންވޭ. ވީއައިޕީ ޓަރމިނަލް. ސީ ޕްލޭން ޓަރމިނަލް ފަދަ މުހިއްމު އެތައް ތަނެއް މަސައްކަތް ނިންމާފައި ރިބަން ކަނޑާލަން ދިނީމަ އެކަންވެސް ނުވި." ސައީދު ވިދާޅުވިއެވެ.

އައްޑޫގައި މިފަހަރު ޓުއަރިޒަމް ދުވަސް ފާހަގަކުރުމަށް ނިންމުމަށްފަހު، އެ ނިންމުން ސަރުކާރުން ބަދަލުކުރީ އައްޑޫގެ ރިސޯޓްތައް ނުހުޅުވި ހުރުމުންނެވެ. ކޯވިޑާ ގުޅިގެން ބަންދުކުރި ގޮތަށް އައްޑޫގެ ދެރިސޯޓުވެސް ހުޅުވާފައެއް ނުވެއެވެ. އަދި އެދިރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ ގިނަ މުވައްޒަފުން ވަނީ ވަޒީފާއިން ވެސް ވަކިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު