ރާއްޖޭގެ ދާޚިލީ މަސްލަހަތު ގެއްލޭ ޒާތުގެ ވާހަކަ ދެއްކުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް އޮވެގެން ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު މިހެން ވިދާޅުވީ ރާއްޖޭގައި ދީނީ މިނިވަންކަން ދޭން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ. ޑރ. ޝަހީމް ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ޚިލާފަށް ދާޚިލީ މަސްލަހަތު ގެއްލޭ ޒާތުގެ ވާހަކަ ދެއްކުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް އޮވެގެން ނުވާނެ ކަމަށެވެ. އަދި ދައުލަތުގެ މުވައްސަސާތަކުން ރާއްޖޭގެ ގާނޫނު އަސާސީ ނަގަހައްޓައި ދަމަހައްޓަންޖެހޭ ކަމަށް އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރކަން ވެސް ކުރެއްވި ޑރ. ޝަހީމް ވިދާޅުވިއެވެ.





ރާއްޖޭގެ ގާނޫނު އަސާސީގައި ބުނެފައިވަނީ ރާއްޖޭގެ ދީނަކީ މާތްވެގެންވާ އިސްލާމް ދީން ކަމަށެވެ. އަދި ގާނޫނު އަސާސީ ބުނާގޮތުން ދިވެހި ރައްޔިތަކަށް ވެވޭނީ ވެސް މުސްލިމަކަށް ވެގެންނެވެ.

މަޖިލީހުގައި ކުރިއަށް ދިޔަ ހެއްކާ ބެހޭ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ދުނިޔޭގެ އެހެން ގިނަ ގައުމުތަކޭ އެެއްފަދައިން ރާއްޖޭގައި ވެސް ދީނީ މިިނިވަން ކަމުގައި "ޔުނިވާސަލް ޕްރެކްޓިސް" އެއް ގެންގުޅެން ޖެހޭ ކަމަށެވެ.

"އެހެން ދީންތަކަށް، މި ރާއްޖޭގައި ނަމާދުކޮށް އުޅެވޭނޭ ގޮތުގެ މައްޗަށް ... އެހެން ދީންތަކުގެ މީހުން ނަމާދުކޮށް މިތާގައި އުޅެވެން ވާނެ. މި ރާއްޖެ މިއީ ... ޔުނިވާސަލް ޕްރެކްޓިސްއެއް އޮންނަން ޖެހޭ،" ޑީއާރުޕީގެ ލީޑަރު އަބުދު ﷲ ޖާބިރު ވިދާޅުވި އެވެ.

ޖާބިރުގެ މި ވާހަކަތަކާއި ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބް ރައީސް އީވާ އަބުދު ﷲ ވަކި އެއްޗެއް ވިދާޅުވެފައިނުވާއިރު، އެވާހަކަތަށް ހުއްޓުވަން ރިޔާސަތުން މަސައްކަތް ކުރައްވާފައެއް ވެސް ނުވެއެެވެ.

ޖާބިރުގެ މި ވާހަކަތަކާއި ގުޅިގެން ގިނަ އަދަދެއްގެ ދީނީ އިލްމްވެރިންނާއި އާންމު ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެެ. ޖާބިރު ދީނީ މިނިވަން ކަމަށް ގޮވާލި މައްސަލަ ހޫނުވެ ފާޑުކިޔުން އަމާޒުވާން ފެށުމުން ރައްޔިތުންގެ މަޖިލީހުން އިސްވެ އެމައްސަލަ މިހާރު ވަނީ ބަލަން ފަށާފައެވެ. މިއީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު މިހާ ފާޅުކަން ބޮޑުގޮތެއްގައި ދީނީ މިނިވަންކަމަށް ގޮވާލައި ވާހަކަ ދެއްކެވި ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެެ.



ކިޔުންތެރިންގެ ހިޔާލު